ޖުޑިޝަރީ ކޮމިޓިގެ މުގައްރިރު ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އަދި ޕެޝިޓަން ކޮމިޓީގެ މުގައްރިރު ކަަމަށް ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހަމަޖައްސަވައިފި
އެ މަގާމަށް ހުސްނީއާއި މުހައްމަދު އަލީ އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީތަކުގެ ފުރަތަމަ ބައްދަލުވުމުގައެވެ.
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުގެ މަގާމަށް ހުސްނީ ނަން ހުށަހަޅުއްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޝާހިދެވެ. އަދި އެ ހުށަހެޅުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ތާއީދު ކުރައްވާފައެވެ.
އެ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިރުގެ ނަން ހުށަހަޅުއްވާފައެވެ. އަދި އެ މަގާމަށް ޝާހިދު ވަނީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމްގެ ނަން ހުށަހަޅުއްވާފައެވެ.
މައުރޫފްގެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދުކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ޝާހިދު ހުށަހެޅުއްވި އެ ހުށަހެޅުމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއް ސައްތާރު މުހައްމަދު ވަނީ ތާއިދު ކުރައްވާފައެވެ. އެހެންކަމުން ވޯޓަށް އަހާފައިވަނީ ތާއިދު ލިބިފައިވާ ހުށަހެޅުމަށް އެކަންޏެވެ.
އެ ދެ މަގާމަށް އެ ދެ ބޭފުޅުން އިންތިހާބުވެ ވަޑައިގެންފައި ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުގެ އިއްތިފާގުންނެވެ.
ޖުޑިޝަރީ ކޮމިޓީގެ މެންބަރުން:
- މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް (މުގައްރިރު)
- ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް (ނައިބު މުގައްރިރު)
- ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
- ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއް ސައްތާރު މުހައްމަދު
- ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
- ހުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޝާހިދު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
އޭގެ އިތުރުން ޕެޓިޝަން ކޮމިޓީގެ މުގައްރިރު ކަމަށް މުހައްމަދު އަލީގެ ނަން ހުށަހަޅުއްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. އެ ހުށަހެޅުމަށް ތާއިދުކުރައްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ. އަދި އެ މަގާމަށް ނަސީމް އިންތިހާބުކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވި މެންބަރުގެ އިއްތިފާގުންނެވެ.
އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އައިފާންގެ ނަން ހުށަހެޅުއްވީ މަޑަވެެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ. އަދި އެ ހުށަހެޅުމަށް އައްބާސް ތާއިދުކުރައްވާފައިވާއިރު އެ ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޕެޓިޝަން ކޮމިޓީ:
- ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ (މުގައްރިރު)
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން (ނައިބު މުގައްރިރު)
- ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
- އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒު
- ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއް ރަހްމާން
- މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން
- ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ޕެޝިޓަން ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 8 މެންބަރުން ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ އަދަދު 11 އަށް ބަދަލުކޮށް ވަނީ ފާސްކޮށްފައެވެ.