ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމްގެ ނަން ހުށަހަޅައިފިއެވެ.
ރިޒާގެ ނަން ހުށަހަޅުއްވާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނުނުގައިވާ ގޮތުގެ މަތިން އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމުގެ މައްސަލަ އެޖެންޑާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް އިއުލާންކުރެއްވުމާ ގުޅިގެންނެވެ.
ރިޒާގެ ނަން ހުށަހަޅުއްވާފައިވަނީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކެވެ. ހުސްނީގެ އެ ހުށަހެޅުއްވުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވަނީ ތާއީދު ކުރައްވާފައެވެ.
ރިޒާގެ ނަން ފިޔަވާ އިތުރު ނަމެއް ހުށަހަޅާފައި ނުވާއިރު ޖޭއެސްސީއަށް ރިޒާ އިންތިހާބު ކުރުމާމެދު ގޮތެއް ނިންމުމަށް ވޯޓު ނެގުން އޮންނާނީ މެންދުރުފަހު 1 ޖަހާއިރެވެ.
ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިތުރުން ބަންޑާރަ ނައިބާއި ރައީސް ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެއް ވެސް އިންނަވާއިރު ރިޒާއަކީ މީގެ ކުރިން ކޯޓުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހުސައިން ރިޒާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގުރައިދޫ ދާއިރާ ތަމްސީލްކުރައްވަމުންދަނިކޮށް އަވާހަރަވެވަޑައިގެން އިބްރާހިމް ރިޒާގެ ކޮއްކޯފުޅަށްވާއިރު އެ ދައުރުގައި މަޖިލީހުގެ ފަރާތުން ޖޭއެސްސީގެ މެންބަރުކަން ކުރެއްވީވެސް އިބްރާހީމް ރިޒާއެވެ.