އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫއަށް ފެނަކައިން ދެމުން އައި ފެނުގެ ހިދުމަތް ނުލިބޭތީ ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ. އަދި އެ މައްސަލައާމެދު ބަހުސް ކުރަން ފެންނަ ކަމަށް 83 މެންބަރުން ވޯޓު ދެއްވިއިރު އެކަމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.
ނާޒިލް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ އޭޕްރީލް މަހުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް ފެނަކައިން ފޯރުކޮށްދެމުން އައި ސާފުފެން ލިބިމުގައި އިންތިހާއަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫ އަރާ ރައްޔިތުން އެތަކެއް ތަކުލީފުތަކަކައި ކުރިމަތިވަމުންދާ ކަމަށެވެ.
ނާޒިލް ވިދާޅުވީ ފެނަކައިން މި މައްސަލަ ހައްލުކުރަން ނުކުޅެދިފައިވާ ކަމަށާއި އެ މައްސަލާގައި ޒިންމާވާ ފަރާތަކީ ކޮބައިތޯ އައްޑޫ ސިޓީ ރައްޔިތުންނަށް ނޭގޭ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ އައްޑޫ ސިޓީ ހިތަދޫއާއި މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުން މިހާރު ތަހަންމަލު ކުރަމުންގެންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް އެ މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތް ކަމަށްވާ ސާފު ފެން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ވަގުތުން ވަގުތަށް ހައްލު ހޯދައި ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުންނެވެ.