"ޓްރީޓީ ބިޓްވީން ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވާންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް" ގައި ދިވެހިރާއްޖެއިން ސޮއި ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާ ދެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިފަދައިން ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅި ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި ޓްރީޓީގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުމެވެ.

އަދި މި ޓްރިޓީގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި މި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އަމަލީ މަސައްކަތް ފެށީ 2011 ވަނަ އަހަރުއެވެ.