ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ހިދުމަތާއެކު ކ. މާފުށީ ބީއެމްއެލްގެ ހިދުމަތް ފުޅާކޮށްފިއެވެ.

ބީއެމްއެލްގެ ހިދުމަތް ފުޅާކުރުމާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ އެ ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމާއި ލޯނު އަދި ފައިނޭންސިންއަށް އެދި ހުށަހެޅުމާއި ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތާއި ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އާ ހިދުމަތްތަކެއް ލިބޭނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެ ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން ބީއެމްއެލް ގެ ޑައިރެކްޓަރު އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވެފައިވާއިރު އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއެކު ބޭންކިން ހިދުމަތަށް އޮތް ޑިމާންޑްވެސް ބޮޑުވެފައިވާ ކަމަށެވެ. އަދި މާފުށީގައި ބީއެމްއެލްއިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި ވިޔަފާރިތަކަށް އަދި އެ ރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗާއި 86 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 143 އޭޓީއެމާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ކުންފުނީގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.