ހުޅުމާލޭގައި ހުންނަ ސިވިލް ކޯޓުގެ ޑިވިޝަންގައި ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް މާދަމާއިން ފެށިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަން މިހާރު ހިންގަމުންދާ އިމާރާތުގެ ޝަރީއަތް ކުރާ ތިން މާލަމެއްގައި ކްރިމިނަލް ކޯޓަށް ލިބިފައިވާ ކަމަށާއި، ހަ ސެކްޝަނެއްގެ ޝަރީއަތްތައް މާދަމާއިން ފެށިގެން އެތަނުގައި ބާއްވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އަދި ކްރިމިނަލް ކޯޓް މިހާރު ހިންގަމުންދާ އެސްޓީއޯ ކުރީގެ އިމާރާތް ބާވެ ފެން ފޭބުމުގެ އިތުރުން އިމާރާތުގެ އެއް ބައި ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައިވާތީ މިދިޔަ އަހަރުން ފެށިގެން އެކަށީގެންވާ ގޮތެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭ އެންމެ މާލަމެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި އެ މުއްދަތުގައި 2934 މީހުންގެ ބަންދާމެދު ގޮތެއް ނިންމައި އަދި 2193 ތަފާތު އެކި ކޯޓު އަމުރުތައް ދޫކޮށްފައިވާ ކަމަށެވެ. އަދި 520 މައްސަލައެއް ވެސް އެ މުއްދަތުގައި ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.