ދިވެހިރާއްޖެއިން މިއަހަރު ހައްޖަށްދާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ހޮޓަލަށް ދެވިއްޖެ ކަމަށް ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ބުނެފިއެވެ.

298 ހައްޖުވެރިންނާއެކު ފުރަތަމަ ގްރޫޕް ފުރާފައިވަނީ އިއްޔެ މެންދުރުފަހު 3:51 ގައެވެ. އެ ފްލައިޓް ޖިއްދާ އެއާޕޯޓަށް ޖައްސާފައިވަނީ ރާއްޖެ ގަޑިން ރޭ 9:12 ގައެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ހައްޖު މިޝަނުން ބުނީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިހާރު ތިބީ ހޮޓަލުގައި ކަމަށެވެ. އަދި މައްކާގައި ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވަނީ އަލްބަލަދުއް ތޮއްޔިބް އަޖްޔާދު ހޮޓަލުގައި ކަމަށާއި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށް މިޝަނުން ވަނީ ބުނެފައެވެ.

ހައްޖު މިޝަންއިން ބުނީ މިއަހަރުގެ ހައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައި ވަނީ 3 ފްލައިޓެއްގައި ކަމަށެވެ. ދެ ވަނަ ގްރޫޕް 353 ހައްޖުވެރިންނާއެކު ހޯމަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެންމެ ފަހު ބެޗް 339 ހައްޖުވެރިންނާއެކު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވާ 1،000 މީހުންގެ ތެރެއިން މި އަހަރު ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 ފަގީރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާ މިފަހަރު ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަންއަށް އެކަނިއެވެ.