ބޭންކް އޮފް މޯލްޑިވްސް އިން އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބޭންކުން ބުނީ އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގް އާއި މޮބައިލް އެޕް މެދުވެރިކޮށްވެސް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަ ކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފް ކުރި ކާޑެކެވެ.

މި ކްރެޑިޓް ކާޑު ތައާރަފް ކޮށްފައި ވަނީ ބުކިން.ކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ފަރުމާކޮށްގެންނެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެއެވެ. ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށް ވެސް ރިވޯޑް ޕޮއިންޓްސް ބޭނުން ކުރެވޭނެއެވެ.