އިޒްރޭލުގެ އުދުވާން ހައްދުފަހަނައަޅާ ގޮސްފައި ވާ މިދަނޑިވަޅުގައި ރަފާގެ އިތުރު ޓެންޓް ކޭމްޕަކަށް ހަމަލާ ދީ 21 މީހަކު މިއަދު ޝަހީދު ކޮށްލައިފިއެވެ. މިއަދު ގާޒާގެ އެކިއެކި ތަންތަނަށް ދިން ހަމަލާތަކުގައި 78 މީހަކު ޝަހީދު ވެފައި ވާ އިރު ރައްކާތެރި ސަރަހައްދުތައް ކަމަށް ބުނެ އިޒްރޭލުން ދެއްކި ތަންތާނގައި ޓެންޓުތަކުގައި ތިބި މީހުންނަށް ހަމަލާދިނުން ބައިނަލްއަގުވާމީ މުޖުތަމުން ދަނީ ކުށްވެރި ކުރަމުންނެވެ.
އެމެރިކާ ފިޔަވައި ހުޅަނގާއި އެފްރިކާ އަދި މެދުއިރުމަތި ހިމެނޭ ގޮތަށް އެތައް 100 ގައުމަކުން އިޒްރޭލުގެ އުދުވާނު ކުށްވެރި ކުރަމުން ދަނިކޮށް, މިދިޔަ އާދީއްތަ ދުވަހު އެންމެން ނިދާފައި ތިއްބާ މެންދަމު ތަލް އަލް ސުލްތާން ކޭމްޕަށް ހަމަލާ ދިނީ އެމެރިކާގައި އުފައްދާފައި ވާ ބޮން ބޭނުން ކޮށްގެން ކަމަށް އެމެރިކާގެ ނޫސް, ނިއުޔޯކް ޓައިމްސް އިން މިއަދު ވަނީ ބުނެފައެވެ.
އެ ނޫހުން ބުނީ, ހަމަލާދީން ބޮމަކީ އެމެރިކާގެ ކޮލަރާޑޯގައި ހުންނަ ފެކްޓަރީއެއްގައި ތައްޔާރު ކުރާ ގީބީޔޫ-39 މަރުކާގެ އަމާޒަށް ދަތުރުކުރާ ބޮން ކަމަށެވެ. ބޮމުގެ ހަމަލާ އަމާޒުވި ކޭމްޕުން ޖެހިގެން އަދި ދުވަހު ފެނިފައިވާ ސާމްޕަލްތަކުގައި ބޮމުގެ ބައިތައް ވެސް ހުރި އިރު ސީރިއަލް ނަމްބަރުވެސް ފެންނަން ހުރި އެތިކޮޅުތައް ހުރިކަމަށް އެނޫހުން ބުނެއެވެ. އެގޮތުން ބޭނުންކޮށްފައިވާ ސީރިއަލް 81873 އަކީ އެމެރިކާގެ ސަރުކާރުން ކޮލަރާޑޯގެ ފާމް ނުވަތަ ފެކްޓަރީއަށް ދީފައި ވާ ކޯޑު ކަމަށާއި ބޮން އެޅި ސަރަހައްދުން ފެނުނު އެހެން އެއްޗެހީގެ ތެރޭގައި ބޮން ހެދުމައި ޖަހާފައި ހުންނަ ބޯލްޓުތަކާއި އޭގެ ނަގޫ ނުވަތަ ޓެއިލްގެ ބައިތައް ވެސް ހުރި ކަމަށެވެ.
ނިއުޔޯކްޓައިމްސްގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވަނީ, އިޒްރޭލުން ރަފާއަށް ހަމަލާ ދޭން ބޭނުން ކުރީ ކޮން ހަތިޔާރެއް ކަމެއް އަދި ބޭނުން ކުރި ކޮން ގޮތަކަށް ކަމެއް އޭނާ އަށް މިވަގުތު ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
މިހާރު މޮލްޑޯވާ އަށް ވަޑައިގެން ހުންނެވި ބްލިންކެން އާ ކުރިމަތި ކުރި ސުވާލުގައި އިތުރަށް ވިދާޅުވީ, އަވަހަށް ކުރަންވީ ކަމަކީ ތަހުގީގުކޮށް ރިޕޯޓަށް އިންތިޒާރު ކުރުން ކަމަށެވެ. ނަމަވެސް އެ ހަމަލާ ދިނީ އެމެރިކާއިން ދިން ބޮން ބޭނުންކޮށްގެން ކަމަށް ވިދާޅުވާން އޭނާ ދެކޮޅު ހެއްދެވިއެވެ.
އާދީއްދު ދުވަހުގެ އެ ހަމަލާގައި ދިރިތިބި އެތައްބަޔަކު އަނދާ އަޅިއަށް ވެގެން ދިޔަ އިރު އެއީ ބައިނަލްއަގުވާމީ މުޖުތަމައުން އިޒްރޭލު ކުށްވެރި ކުރުމުގައި އަވަސްވެގަން ހާދިސާއެއް ވެސް މެއެވެ. އެގޮތުން ހުޅަނގުގެ ބައެއް ގައުމުތަކާއި ސައުދީ އަދި ތުރުކީ އާއި ދިވެހިރާއްޖެ ފަދަ ގައުމުތަކުން ވަނީ އެ ހަމަލާ ކުށްވެރި ކޮށްފައެވެ.
އިޒްރޭލުގެ ހަމަލާތައް ވަރުގަދަކޮށް ރަފާގެ އެންމެ އެތެރެއަށް ވަދެފައި ވާ އިރު އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓުގައި ހިމެނޭ ވަޒީރެއް ކަމަށް ވާ ގަޑީ އެއިސެންކޮޓު ބުނީ ގާޒާ ހަނގުރާމަ 3 ނުވަތަ 5 ވަރަކަށް އަހަރަށް ދެމިގެން ދާނެ ކަމަށާއި ހަމަޖެހުމަކާ ހަމައަށް ދާން އެހާ ދުވަސް ނަގާނެ ކަމަށެވެ.
އޭނާ ބުނީ ރަފާގައި ކުޑަ އޮޕަރޭޝަނެއް ހިންގާލައި ނިންމާލާނެ ކަމަށް ބަޔަކަށް ހީވުމަކީ ކުށް ހީއެއް ކަމަށާއި ނިންމުން އޮތީ އެއްކޮށް ހަމާސް ފުހެލައި އަދި ގާޒާގައި އާ ސަރުކާރެއްވެސް އެކުލަވާލުމަށް ފަހު ކަމަށެވެ.