އަމިއްލަ ވިޔަފާރި ކުންފުންޏެއް ކަމަށްވާ 'ކެމްޕިއަން މޯލްޑިވްސް' އަށް 6 މިލިއަން ރުފިޔާ ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އިިއްޔެ އެ ކޯޓުން ހުކުމް އިއްވާފައިވަނީ ކެމްޕިއަން މޯލްޑިވްސްގެ ފަރާތުން ފެނަކައަށް ހަވާލު ކޮށްފައިވާ ކްރެޑިޓް ވިޔަފާރީގެ މުއާމަލަތަކަށް ދައްކަންޖެހޭ ބިލްތަކެއް (ޓެކްސް އިންވޮއިސް)ގެ ތެރެއިން 2023 ޖުލައި 02 އާއި ހަމައަށް ނުދައްކާ ހުރި 8 މިލިއަން ރުފިޔާ ހޯދުމަށް ކެމްޕިއަން މޯލްޑިވްސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައެވެ.

ނަމަވެސް 8 މިލިއަންގެ ތެރެއިން 2 މިލިއަން ފެނަކައިން ވަނީ ދައްކާފައެވެ. އަދި ބާކީ އަދަދު 8 މަހަށް ބަހާލައިގެން ދެއްކުމަށް ފެނަކައިން އެދުނު ނަމަވެސް ކެމްޕިއަން އިން ބޭނުންވީ އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ހޯދުމަށެވެ. އަދި އެ ކުންފުނީގެ އެދުމުގެ މަތިން މައްސަލަ ބެއްލެވި ގާޒީ، މުހައްމަދު އީސާފުޅު ވަނީ 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމް ކޮށްފައެވެ.

މީގެ ކުރިންވެސް ފެނެކައަށް ވަނީ މިފަދަ ހުކުމްތަކެއް ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުވެސް ހިދުމަތް ހޯދުމަށްފަހު ފެނަކަ ކޯޕަރޭޝަނުން ވިޔަފާރިއަކަށް ނުދައްކާ އޮތް 11.8 މިލިއަނަށް ރުފިޔާ އެއް މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމެއް ކޮށްފައެވެ. އެފަހަރު ދައުވާ ކޮށްފައި ވަނީ އިކުއިވީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ވިޔަފާރިއަކުންނެވެ.

އަދި ހަމަ އެ އަހަރު ވަނީ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ "ކޭބަލް ޝޮޕް" އަށް 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށްވެސް ސިވިލް ކޯޓުން ހުކުމެއް ކޮށްފައެވެ.

ފެނަކައިން އެކި ވިޔަފާރިތަކުން ހިދުމަތްތައް ހޯދުމަށްފަހު 2.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދަރާފައިވާ ކަމަށްވެ އެވެ. ސަޕްލަޔަރުންނަށް ފައިސާ ނުދޭ މައްސަލައިގައި އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ މިދިޔަ އަހަރު ފެނަކަ އޮފީސް ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފައެވެ.