ކުދި ޖަޒީރާ ގައުމުތަކަށް ކްރެޑިޓް އިތުރުކޮށް ދަރަނީގެ ހަރަދުތައް ކުޑަކުރުމަށް މަލްޓި ލިޓެރަލް ޑެވެލޮޕްމެންޓު ބޭންކު (އެމްޑީބީ) ތަކުން މަގުފަހި ކޮށްދޭން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ރިސޯސް މޮބިލިޒޭޝަންގެ ސެޝަންގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވަވައިދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ކެޕިޓަލް މާކެޓު ތަކުން ލޯނު ނެގުމަކީ އެމްޑީޕީ ތަކަށް މާލީ ގޮތުން ކުރެވޭނެ ވަރުގެ ކަންކަން ކަމަށާއި، އެހެންކަމުން މިފަދަ ލޯނުތައް ސިޑްސްގެ ގައުމުތަކަށް ފޯރުކޮށްދީ މާލީ ގޮތުން މިފަދަ ކުދި ޖަޒީރާ ގައުމުތައް ފުދުންތެރިކުރުވަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ ސިޑްސްގެ ގައުމުތަކަކީ ކުދި ޖަޒީރާ ގައުމުތަކަކަށްވީ ނަމަވެސް މި ނާޒުކުކަމަކީ މި ގައުމުތަކުގެ ވެއްޓުން ކަމުގައި ދެކިގެން ނުވާނެކަމަށާއި އެކަންކަމަކީ އިތުރަށް ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމުގައި ހެދުމަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ ވަސީލަތްތަކާއި ފައިސާ މަދުވުމުގެ ސަބަބުން މިފަދަ ކުދި ގައުމުތަކަށް މިވަނީ ތަރައްގީގެ މަޝްރޫގައި ވަކި ކަންކަން ގުރުބާން ކުރަން ޖެހިފައި ކަމަށެވެ. އެގޮތުން ސުކޫލު އިމާރާތެއް އަޅައިފިނަމަ އިތުރު ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރަން ދަތިވާކަމަށާއި، ސާފު ބޯފެން ހޯދުމަށް އިންވެސްޓް ކޮށްފިނަމަ އެހެން މަޝްރޫއެއް ފެއްޓުމަށް ދަތިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިފަދަ އަސާސީ ހިދުމަތްތަކަކީ ލިބިދޭންޖެހޭ ހައްގެއް ކަމަށާއި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މީގެއިތުރުން މުސޫމީ ކާރިސާތަކުގެ ގޮންޖެހުންތައްވެސް ސިޑްސްގެ ގައުމުތައް ހާއްސަކޮށް ދިވެހިރާއްޖެ އަށް ބޮޑު ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.