ގަވާއިދު އިސްލާހުކުރެވެންދެން 19 ވަނަ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދަން ފާސްކޮށްފިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީސް ޖަލްސާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލާ ފާސްކުރެވެންދެން 19 ވަނަ ރައްޔިތުންގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައެވެ.

އެ ހުށަހެޅުމުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް މަޖިލީހުގެ އާންމު ކޮމިޓީއާ ހަވާލުކޮށް 26 ޖޫންގެ ނިޔަލަށް އެ ގަވާއިދު އެކުލަވާލާ، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވެސް ފަލާހު ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުއްވުމަށް މައްޗަން ގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ތާއީދު ކުރައްވާފައިވާއިރު އެ ހުށަހެޅުމަށް ގިނަ މެންބަރުންތަކެއް ތާއިދު ކުރައްވާ ވަނީ ވާހަކަދައްކަވާފައެވެ.

އެގޮތުން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއާއި ހުޅުދޫ ދާއިރާގެ އަބްދުއް ސައްތާރާއި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީއާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހާމިދާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ޝަފީއުއާއި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރާއި ހުޅުމާލެ އުތުރުު ދާއިރާގެ މެންބަރު ހުސައިން ޝަރީފާއި އަލިފުށި ދާއިރާގެ މެންބަރު އަބްދުއް ލަތީފް އަބްދުއް ރަހްމާން އަދި ކުޑަހުވަދޫ ދާއިރާ މެންބަރު ހުސައިން ހަމީދު ހިމެނިވަޑައިގަންނަވައެވެ.

ބަހުސްގެ ވަގުތުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ 19 ވަނަ މަޖިލީހުގައި އެ ގަވާއިދު ހަދާފައިވަނީ އެހެން މަޖިލީސްތަކުގައިވެސް އެ ގަވާއިދު ބޭނުންކުރެވޭނެ ގޮތަށް ކަމަށާއި އާ ގަވާއިދެއް ހެދުމުގެ ބަދަލުގައި އިސްލާހުކުރަން ޖެހޭ ކަންކަން އިސްލާހުކުރަން ތާއީދު ކުރައްވާ ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ފަލާހު ހުށަހެޅުއްވި ހުށަހެޅުމުގައި ފާހަގަކުރައްވާފައިވާ ކޮމިޓީގައި ގިނަ ޕާޓީތަކެއްގެ މެންބަރުން ހިމެނޭ ގޮތަށް ކޮމިޓީ އެކުލަވާލެވެން އޮތް ނަމަ އެގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

އެ ބަހުސްގައި މާފަންނު ދެކުނު ދާއިރާ އިބްރާހިމް ރިފާއު ވިދާޅުވީ ފަލާހުގެ ހުށަހެޅުއްވި ހުޅަހެޅުމަށް ތާއީދުކުރައްވާ ނާޒިލް ފާހަގަކުރެއްވި ފަދައިން ގިނަ މެންބަރުނަތަކެއް ހިމެނޭ ގޮތަށް ގަވާއިދު އިސްލާހުކުރުމަށްވެސް ތާއީދު ކުރައްވާފައެވެ. އަދި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވަނީ ގިނަ މެންބަރުންގެ ހިޔާލާއެކު އެ ގަވާއިދު އިސްލާހުކުރެވިގެން ދިއުމަށް އެދިވަޑައިގެންފައެވެ.

އެ ހުށަހެޅުމާ ގުޅިގެން ފަލާހު އިތުރަށް ވިދާޅުވީ ހުށަހެޅުއްވީ އެ ގަވާއިދު އެއްކޮށް ބަދަލުކުރަވަން ނޫން ކަމަށާއި އެ ގަވާއިދަށް އިސްލާހެއް ގެންނަން ޖެހޭނަމަ އެ އިސްލާހެއް ގެނެސްގެން ކުރިއަށް ގެންދަން ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ޕާޓީގެ އަދަދަށް އިދާރީ ބޭފުޅުން ކުރިއަށް ގެންދަވާނެ ކަމަށާއި ވިސްނުމަކީ އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުޑަކޮށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އެ މަނިކުފާނުގެ ތަސައްވަރު ފުރިހަަމަކުރުމަށްޓަކައި ހަލުވި ބާރު ސްޕީޑްގައި ކުރުން ކަމށް ފަލާހު ވިދާލުވިއެވެ.

ގަވާއިދު އިސްލާހުކުރެވެންދެން 19 ވަނަ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދަން ވޯޓުގައި ބައިވެރިވެވަޑައިގެން 90 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.