ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ބީއެމްއެލް އިސްލާމިކް އިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުން ކުރެވޭ ބީއެމްއެލް އިސްލާމިކް، އާ ކްރެޑިޓް ކާޑު ތައާރަފް ކޮށްފައި ވަނީ ބުކިން.ކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ފަރުމާކޮށްގެން ކަމަށެވެ. އަދި މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަ ކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފް ކުރި ކާޑެއް ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެއެވެ. ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށް ވެސް ރިވޯޑް ޕޮއިންޓްސް ބޭނުން ކުރެވޭނެއެވެ.

ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ، ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީވުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުން ކްރެޑިޓް ކާޑު ތައާރަފް ކުރެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ.

މި ކާޑު ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެންޑް ސައުތް ފެސިފިކް ގްރޯތް މާކެޓްސް، އެމެރިކަން އެކްސްޕްރެސްގެ ވައިސް ޕްރެސިޑެންޓް ޑިވްޔާ ޖައިން ވިދާޅުވީ، ރާއްޖޭގެ މާކެޓަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މި ކާޑަކީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެންބަރުންނަށް އަގުހުރި އަދި ދުނިޔޭގެ އެކި ތަންތަނުން ލިބޭ ފައިދާތައް ހޯދައިދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.

އަލަށް ބޭންކުން ތައާރަފް ކުރި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ ބޭންކުން ދޫކުރާ އެހެން ކާޑުތަކާ އެއްގޮތަށް އެންމެފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ކާޑެކެވެ. ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ދޫކުރާނީ ސްޓޭންޑަޑް، ގޯލްޑް، އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައެވެ.