ހުޅުމާލޭ ޖަލުގައި، ހުކުމެއް ތަންފީޒު ކުރަމުންދިޔަ 83 އަހަރުގެ ގައިދީއަކު މަރުވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ މަރުވެފައި އޮތްވާ ފެނުނީ ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް އަލި މަނިކު ކަމަށެވެ. 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އާދަމް އަލިމަނިކު މަރުވި ކަން އެނގުނީ އޭނާ ނުހޭލައިގެން އެ ގޮޅީގައި ތިބި އެހެން ގައިދީން ކަރެކްޝަން ގެ މުވައްޒަފުންނަށް އެންގުމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އަދި މިއަދު 12:00 އެހާއިރު އެމެޖެންސީކޮށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ކަރެކްޝަން އިން ވަނީ ބުނެފައެވެ. އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމިގެ ބަލި، ކޮލެސްޓްރޯލް، ހައިޕާޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށްވެސް ވެއެވެ.

އާދަމް އަލިމަނިކަކީ ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލެއް ހިންގައިގެން، 2022 ވަނަ އަހަރު ޖަލަށްލި މީހެކެވެ.

ކަރެކްޝަންސް އިން އިތުރަށް ބުނީ އާދަމް އަލިމަނިކު މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ވާނެ ކަމަށެވެ.