ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން ދަނޑުވެރިންނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީއިން ބުނެފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް ދަނޑުވެރިނަންނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ވިޝާމާ ވިދާޅުވީ ދަނޑުވެރި ފަދާ ލޯނު ޕްރޮގްރާމްގެ ދަށުން އަމިއްލަ ފަރުދުންނަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ކުންފުނިތަކަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ރަހުނަކާ ނުލައި 1 ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާކަން ވިޝާމާ ފާހަގަ ކުރެއްވިއެވެ. އަދި ޝަރުތުތަކާއެކު 2 މިލިއަން ރުފިޔާއާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިޝާމާ ވިދާޅުވިއެވެ. އަދި މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި 85 ރަށެއްގެ 7،627 ދަނޑުވެރިން އެބަތިބި ކަމަށް ވިޝާމާ ވަނީ ވިދާޅުވެފައެވެ. އޭގެތެރެއިން 53 ޕަސެންޓަކީ އަންހެން ދަނޑުވެރިން ކަމަށާއި 47 ޕަސެންޓަކީ ފިރިހެން ދަނޑުވެރިންކަން އޭނާ ފާހަގަކުރެއްވިއެވެ.

ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްއަކި އެގްރިކަލްޗާ މިނިސްޓްރީ އަދި އެސްޑީއެފްސީ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް، އެހީތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ ލޯނު ޕްރޮގްރާމެކެވެ. މި ލޯނު ޕްރޮގްރާމްގެ ޒަރިއްޔާއިން ދަނޑުވެރިކަމަށް އަލަށް ވަންނަ ޒުވާނުންނަށް ދަނޑުވެރިކަމުގެ މަސައްކަތްތައް ފަށައިގަތުމަށާއި މިހާރު ދަނޑުވެރިކަން ކުރާ ފަރާތްތަކަށް މަސައްކަތް އިތުރަށް ތަރައްގީ ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.