ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި މާލެ މޮނޯރެއިލްއިން ގުޅާލުމަށް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ސަރުކާރަށް ހަ މަސް ފުރުމާ ގުޅިގެން މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލް ހާމަ ކުރައްވަމުންވެ. އެ ގޮތުން ސައީދު ވިދާޅުވީ، މާލެ އާއި ހުޅުލެ އަދި ފުނަދޫ ސިންގަލް ޓްރެކް މޮނޯރެއިލްއަކުން ގުޅާލުމަށް ނިންމައި، އެ މަސައްކަތަށް ފައިނޭންސް ކުރުމަށްޓަކައި ބަޔަކާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަވާލުކުރީ މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ވެސް ހަވާލުކުރި ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެވެ.
ހަމައެއާއެކު ފުނަދޫ ތަރައްގީ ކުރުމުގެ ގޮތުން އެ ރަށުގައި މިހާރު ހުރި ފިއުލް ފާމް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ. އެ މަސައްކަތަކީ 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގެ ތެރޭގައި ފުނަދޫގެ އިމާރާތްތަކުގެ ކުރެހުންތަކާއި އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެސްއީޒެޑަކަށް ފުނަދޫ ހާއްސަ ކުރުމުގެ ގޮތުން މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އިން އެސްޓީއޯއާއެކު މަސައްކަތް ފަށާއިފައިވާ އިރު، ސަރުކާރުން ބުނީ، މި ހުރިހާ މަސައްކަތަކަށް ފައިސާ ހަރަދު ކުރާނީ އިފްޒާ ކުންފުނިން ކަމަށެވެ.
ފުނަދޫ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރަކަށް ހަދައި ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ތަސައްވުރުގައިވާ ކަމެކެވެ. އެއާއެކު ފުނަދޫ އާއި މާލެ، އަދި ފުނަދު އާއި ހުޅުލެ ބްރިޖަކުން ގުޅާލައި، ބްރިޖު އަޅައި، މޮނޮރެއިލް ސިސްޓަމެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ.