ފަލަސްތީނާ ގުޅުވައި މާލޭގެ މަގަކަށް ނަމެއް ދެންޏާ އެކަށީގެންވާ ބޮޑު މަގަކަށް ނަން ދިނުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ލަފާ ދެއްވައިފިއެވެ.

ވަކި ނަމެއް ނުކިޔާ އޮތް މާލޭގެ ދެ މަގުގެ ތެރެއިން މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދޭން ފާސްކުރީ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި، ފަލަސްތީނާ ގުޅުވައި، އެ ދެ މަގުގެ ތެރެއިން މަގަކަށް ނަމެއް ދޭން ހުށަހެޅުއްވައި، މޭޔަރު އާދަމް އާޒިމް، ކައުންސިލަރުންގެ ހިޔާލަށް ހުޅުވާލެއްވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ ތެރެއިން އާޒިމްގެ ހުށަހެޅުމާ ދެކޮޅު ހެއްދެވީ މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު އެކަންޏެވެ. އެ ހުށަހެޅުމަށް ކައުންސިލަރުންގެ ވޯޓަށް ހުޅުވާލުމުން ވެސް ސައީދާ ފިޔަވައި ދެން ތިއްބެވި ހުރިހާ ކައުންސިލަރުން ވޯޓު ދެއްވީ އާޒިމްގެ ހުށަހެޅުއްވުން ފާސްކުރުމަށެވެ.

މިކަމާ ގުޅިގެން، ފަލަސްތީނާ ގުޅުވައި މާލޭގެ މަގަކަށް ނަން ދޭން ފެންނަ ކަމަށް، 'އެކްސް'ގައި މައުމޫން މިއަދު ލިޔުއްވިއެވެ.

"އަދި އެ ނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމުގައި ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ،" އެމަނިކުފާނުގެ ޕޯސްޓުގައިވެއެވެ.

އެ މަގަށް ކިޔާނެ ސީދާ ނަމަކާއި ހުރިހާ ތަފްސީލެއް ފަހުން ކައުންސިލަރުންނާ ހިއްސާކުރައްވާނެ ކަމަށާއި، އަދި އެ މަގު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް، އިއްޔެގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވިއެވެ.