ތިނަދޫ ދެކުނު ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު އަލްސަން އަހުމަދު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް ސޮއިކުރައްވައިފިއެވެ.

އަލްސަން ސޮއިކުރެއްވާފައިވަނީ މުލިއާގޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެވެ.

އަލްސަން އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އަމިއްލަ ގޮތުން ވާދަކުރައްވައެވެ. އިތުރު 4 މެންބަރުންނާ ވާދަ ކުރައްވާ އޭނާ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ޖުމްލަ 810 ވޯޓުންނެވެ.

އިންތިހާބުގައި ވާދަ ކުރި ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ޝަރީފް އަށް ލިބުނީ 739 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް 375 ވޯޓު ލިބުން އިރު އަމިއްލަ ގޮތުން ވާދަ ކުރި އިތުރު ދެ މެންބަރުންނަށް ލިބުނީ 122 ވޯޓެވެ. އަލްސަން ވެރިކަން ކުރާ ޕީއެންސީއަށް ސޮއި ކުރުމާއެކު ގދ. އަތޮޅުގެ ހުރިހާ ގޮނޑިއެއް މިވަނީ ސަރުކާރު ހިންގާ މައި ޕާޓީއަށް ލިބިފައެވެ.

އަލްސަން ޕީއެންސީއަށް ސޮއި ކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް ސުޕާ މެޖޯރިޓީ އާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު އެ ޕާޓީން ބޭނުންވާ ބޭފުޅަކަށް އެ މަޖިލިހުގެ ރައީސްކަމާއި ނައިބު ރައީސްކަން ލިބޭނެއެވެ.

އެގޮތުން އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސަކަށް ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމް ހޮވަން ނިންމާފައެވެ.

މަޖިލިސް ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރާނީ މޭ 28 ވަނަ ދުވަހު މެންބަރުން ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ހޮވުމަށް މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓުންނެވެ.