ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުން މުޅި ދުނިޔޭގެ ސަލާމަތަށް ނުރައްކާ އެބޮތްކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވެފައިވަނީ ގަތަރުގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިޔުރިޓީ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އިހުސާން ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމަކަށްވުމާއި ހަމަޖެހުމާއި އަމާންކަމަށް ލޯބި ކުރާ ގައުމެއްކަމަށްވުމުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި ހިނދެއްގައި ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގައި ދިވެހިން ދެމިތިބޭނެކަމަށާއި، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ އިންސާނިއްޔަތާ ދެކޮޅު އަމަލެއް ކަމަށެވެ.

ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިޒްރޭލަށް ގޮވާލަން. އަދި އިޒްރޭލަށް ހައްގު އެހެން ތަނަކުން އާބާދުވުމަށް ބިމެއް ހޯދުމަށް ގޮވާލަން. ބައިނަލްއަގުވާމީ މުޖުތަމައުތަކުން އިޒްރޭލުން ފަލަސްތީނުގެ ބިން ހިސާރުކުރުމަށް ފުރުސަތުދީގެން ނުވާނެ.
މިނިސްޓަރު އިހުސާން

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ގިނަ އަހަރުތަކެެއް ވަންދެން ރާއްޖޭން ގައުމުތަކާއި ގުޅުން ގާއިމުކޮށްފައިވަނީ މިނިވަންކަމަށް ފުށުނާރާ ފަދައިން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރާނީ އެ ބީދައިން ކަމަށެވެ.

ގާޒާގެ ހާލަތަކީ އިންސާނީ ބޮޑުކާރިސާއެއްގެ ހާލަތު ކަމަށާއި ހައިނޫނު ކަމުގައި ދުނިޔެ ނުދެކޭ ބިރުވެރިކަމެއް ފެނިދާނެ ކަމަށް އޮފިޝަލުން އިންޒާރު ދެމުން ގެންދާ އިރު އިޒްރޭލުން ގެންދަނީ ގާޒާއަށް އެހީ ހިފައިގެން ވަންނަ ޓްރަކްތަކަށް ހުރަސް އަޅާ ހަމަލާ ދީ އެތަކެތިވެސް ގާޒާއަށް ވަނަ ނުދީ ހިފަހައްޓަމުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކާބޯތަކެތި ނުލިބި ބަނޑަށް ޖެހިފައި ތިބި 700,000 އަށް ވުރެ ގިނަ މީހުން މިހާރުވެސް ގާޒާގައި އެބަތިއްބެވެ. އަދި ރަނގަޅު ކާނާ ނުލިބި ހިކި އަނަރޫފަވެގެން ގޮސް މިހާތަނަށް 40 ކުއްޖަކު މަރުވެފައި ވެސް ވެއެވެ.

އިޒްރޭލުގެ މި ގަތުލުއާންމު ހުއްޓުމެއް ނެތި ކުރިއަށް ދާއިރު އަމާންކަން ހޯދަން ރަފާ އަށް ވަދެތިބި 1.4 މިލިއަން މީހުން ފަހާ ނެރެ އަލް މަވާސީ ރެފިއުޖީ ކޭމްޕަށް ފޮނުވާލުމުގެ މަސައްކަތް އިޒްރޭލުން ގެންދަނީ ކުރަމުންނެވެ. އެއާއެކު ގާޒާގެ އުތުރާއި ދެކުނަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކޮށް އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.