ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ މީޑިއާ ވިލެޖާއެކު ޓީވީ ސްޓޭޝަންތަކާއި އޮންލައިން މީޑިއާތަށް ހިންގުމަށް މިހާރަށްވުރެ ރަނގަޅު އޮފީސް ޖާގަތައް ލިބިގެން ދާނެ ކަމަށާއި އެ ތަނުގައި ވަސީލަތްތައް ލިބި އިންތިޒާމުތައް ފުރިހަމަވާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
މިނިސްޓާ މިފަދައިން ވިދާޅުވެފައިވަނީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ވަނީ މީޑިއާ ވިލެޖު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތްކަމަށާއި، އެތަނުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން މީޑިއާ ވިލެޖްގެ މަސައްކަތްތައް ނިމޭއިރު ޓީވީ ސްޓޭޝަންތަކަށް ޖާގަ ތަނަވަސް އޮފީހެއް ހަމަޖެހިގެންދާނެ ކަމަށާއި ރަނގަޅު ފެންވަރުގެ ސްޓޫޑިއޯތައް ގާއިމުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަށްވެސް މިނިސްޓަރު އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތް ނިމިގެންދާއިރު ނޫސްވެރިކަން މުޅިން އާ މިސްރާބަކަށް ބަދަލުވެގެންދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މީޑިއާ ވިލެޖު ހެދުމުން ނޫސްވެރިންގެ ބައްދަލުވުންތައް ވެސް ބާއްވާނީ އެތަނުގައި ކަމަށާއި އެފަދަ ކޮންފަރެންސްތައް ބާއްވާނެ އެކިއެކި މާލަންތައް ވެސް މީޑިއާ ވިލެޖުގައި ގާއިމުކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އާ މަޖިލީސް ހުވާ ކުރުމާއެކު ބަޖެޓްގެ މަސައްކަތް ފަށާނެ ކަމަށެވެ.
މީޑިއާ ވިލެޖެއް ތަރައްގީ ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދެކެވެ. އަދި މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ ފައިސާ ދެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.