ރަޝިއާއިން ހަނގުރާމަ ފެށިފަހުން އެއްގަމު މަގުން ދޭ ހަމަލާތައް ނާކާމިޔާބު ކޮށްލުމުގައި ބޮޑެތި ގޮންޖެހުންތަކާ ދިމާވާކަމަށް ވިދާޅުވެ ރަޝިއާ ބަލިކުރަން ޔޫކްރައިންގެ ސަފުތަކާއެކު ހަނގުރާމައަށް އައުމަށް ޒެލެންސްކީ ނޭޓޯއަށް ހިތްވަރު ދެއްވައިފިއެވެ.
ޔޫކްރައިންގެ ސަފުތަކާއެކު ސީދާ ހަނގުރާމައިގައި ބައިވެރިވާން އައުމަށް ގޮވާލެއްވުމުގެ ބަދަލުގައި ޒެލެންސްކީ ވިދާޅުވީ، މިހާރު ނޭޓޯއިން ބައިވެރިވާ މިންވަރަށް ވުރެ ބޮޑަށް އަސްކަރީ ފައުޖުތައް ބައިވެރި ކޮށް ރަޝިއާގެ މިސައިލްތަކާއި ހަމަލާތައް ނައްތާލުމުގައި ނޭޓޯގެ ދައުރު ބޮޑުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ޔޫކްރައިންގެ ސަރަހައްދުގެ ތެރެއަށް އަމާޒުވާ ރަޝިއާގެ މިސައިލްތައް ވައްޓާލުމުގައި އެހީތެރިވުމަށާއި ބޯޑަރު ކައިރީގައި ރަޝިއާ އާ ދެކޮޅަށް ހުޅަނގުގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް އޭނާ އެދިވަޑައިގަންނަވައެވެ.
އޭނާ ވިދާޅުވީ އެކި ގޮތަށް ދެއްކިޔަސް އެންމެންވެސް ދައްކަނީ އެއްވާހަކައެއް ކަމަށާއި އެންމެންވެސް ކަންބޮޑުވަނީ ހަނގުރާމަ ފުޅާވެގެން ހިނގައިދާނެތީ ކަމަށެވެ.
"ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މަރުވަމުން ދަނީ ޔޫކްރައިންގެ ރައްޔިތުންކަން، އެއީ އެ ރައްޔިތުންނަށް ހަނގުރާމަ ނުވަތަ ހަމަނުޖެހުން ފުޅާވެގެން ދިޔުމަކަށް ނުވޭ"
ހަނގުރާމަ ފެށިފަހުންހެން ކޮންމެ ދުވަހަކު އެތައް މިސައިލަކާއި ޑްރޯން ހަމަލާތަކެއް ދެފަރާތުންވެސް ބަދަލު ކުރަމުން އަންނަ އިރު މިހިނގާ މެއި 10 ވަނަ ދުވަހު ރަޝިއާ އިން ވަނީ އެއްގަމުގެ ވަރުގަދަ އޮޕަރޭޝަނެއް ކާކީވެ ގެ އިރުއުތުރުގައ ފަށާއި އެއްގަމު މަގު ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މިހާތަނަށް އެ ސަރަހައްދުން 9 ވިލެޖެއް ހިފާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
"ރަޝިއާއިން ޔޫކްރައިނަށް ހަމަލާ ދޭން 300 މަތިންދާ ބޯޓު ބޭނުން އެބަކުރޭ، އަހަރެމެނަށް އެމީހުނާ ކުރިމަތިލެވޭނެ 120 ނުވަތަ 130 ޕްލޭން އޮތަސް" ޒެލެންސްކީ ވިދާޅުވިއެވެ.
އޭނާ އެހެން ވިދާޅުވީ އެމެރިކާ އާއި ހުޅަނގުން ދޭން ބުނާ އެއާ ޑިފެންސް ސިސްޓަމްތަކާއި އެމެރިކާގައި ބޭނުން ކުރާ އެފް16 މަރުކާގެ ބޮން އަޅާ ބޯޓުތައް ލިބުމުގެ އުއްމީދުގައެވެ.
އިތުރަށް އޭނާ ވިދާޅުވީ، ބޮން އަޅާ ބޯޓުތައް ދޭން އެ ގައުމު ތަކަށް ނުކެރެންޏާ އެމީހުންގެ ސަރަހައްދު ތަކުން އުދުހި އައިސް ރަޝިއާގެ މިސައިލްތައް ވައްޓާލުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. މިވާހަކަ މިހެން ވިދާޅުވި އިރު ހުޅަނގުގެ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރައިން ބޯޑަރާ ކައިރީގައި ގާއިމު ކޮށްފައި ހުރި ރަޝިއާގެ އަސްކަރީ މަރުކަޒުތަކަށާއި ރަޝިއާގެ ތެރެއަށް ހަމަލާ ދިނުމުގެ ހުއްދަ ހޯދުމުގެ މަޝްވަރާތައް ވެސް ޔޫކްރައިން އިން ކުރަމުން އެބަގެންދެއެވެ. މިވަގުތާ ހަމައަށް ރަޝިއާގެ ތެރެއަށް އަމާޒު ކޮށް ހުޅަނގުގެ ހަތިޔާރުން ހަމަލާ ނުދިނުމަށް އެގައުމުތަކުން އޮތީ ޔޫކްރައިން އަށް ޝަތުރު ކޮށްފައެވެ. އެގައުމުތަކުން ގަބޫލު ކުރާ ގޮތުގައި އެމީހުންގެ ހަތިޔާރުން ރަޝިއާ އަށް ހަމަލާ ދޭނަމަ ހަނގުރާމަ ފުޅާވުމުގެ ބިރު އެބައޮތެވެ. ރަޝިއާއިން ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކާފައެވެ.
ރަޝިއާގެ ރައީސް އާއި ދިފާއީ ބާރުތަކުގެ ވެރިން މީގެ ކުރިން ވިދާޅުވެފައި ވަނީ، ހުޅަނގުގެ ހަތިޔާރު ބޭނުންކޮށް ރަޝިއާގެ ތެރެއަށް ހަމަލާ ދޭނަމަ ރަޝިއާގެ ދިފާއުގައި ކޮންމެ ފަދަ ފިޔަވަޅެއްވެސް އަޅަން ރަޝިއާ ފަސް ނުޖެހޭނެ ކަމަށާއި އެއީ ހަމަނުޖެހުން އިތުރަށް ފުޅާވެގެން ދާނެ ކަމަކަށް ވާނެ ކަމަށެވެ.