ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި ވޭތުވެދިޔަ އަހަރު 24 ޕަސެންޓުގެ ކުރިއެރުމެއް ލިބުނު ކަމަށާއި، އަދި ކަސްޓަމަރުންގެ ޝަކުވާ 20 ޕަސެންޓަށް ދަށްކުރެވުނު ކަމަށް، ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ، މިދިޔަ އަހަރު 23 ހާސް ކަސްޓަމަރުން އެ ބޭންކާ ގުޅި، 66 ހާހަށް ވުރެ ގިނަ އެކައުންޓް ހުޅުވާފައިވާ ކަމަށެވެ. އަދި އެއާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބޭންކުން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތަކާ ގުޅޭ ގޮތުން، ބީއެމްއެލްގެ ކަސްޓަމަ ސާވިސްގެ ޑިރެކްޓަރު ގުލްނާޒް މާހިރު ވިދާޅުވީ، ބީއެމްއެލުން ސަމާލުކަން ދެނީ ކަސްޓަމަރުން ހިތްހަމަޖެހޭ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އޭނާ ހާމަކުރެއްވި މިދިޔަ އަހަރުގެ ބައެއް ތަފާސްހިސާބުތަކުގައިވާ ގޮތުން:

  • ކަސްޓަމަރުންގެ ޝަކުވާ 20 ޕަސެންޓަށް ދަށްކުރެވިފައިވޭ
  • ކަސްޓަމަރުންގެ 47 ހާސް ޗެޓުގެ ތެރެއިން 53 ޕަސެންޓަށް ޖަވާބުދިނީ ޗެޓްބޮޓް "އާޔާ" މެދުވެރިކޮށް
  • ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި 24 ޕަސެންޓުގެ ކުރިއެރުމެއް ލިބުނު

މި ތަފާސްހިސާބުތަކުން ހާމަވަނީ ކަސްޓަމަރުން އެދޭ ފަދަ ހިދުމަތެއް ދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ކަމަށް ގުލްނާޒް ވިދާޅުވިއެވެ.

"މި ކާމިޔާބީއަކީ ބޭންކުން އިސްނަގައިގެން ކުރި އެތައް މަސައްކަތެއްގެ ސީދާ ނަތީޖާ، މީގެ ތެރޭގައި ކޭސް މެނޭޖްމަންޓް ސިސްޓަމް ތަންފީޒުކުރުމާއި މުވައްޒަފުންނަށް ދެވުނު ތަމްރީނާއި މިދިޔަ އަހަރު ތެރޭ ބޭންކުގެ ގިނަ ޕްރޮސެސްތަކެއް ބަދަލުކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވުނު ބުރަ މަސައްކަތް [ހިމެނޭ]،" އޭނާ ވިދާޅުވިއެވެ.