ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާގެ ކޮލާޖް ޑިޒައިން ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެ މަސައްކަތަށް ވާ ފައިސާ ހަމަޖައްސާދީފައިވަނީ އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު (އެގްޒިމް ބޭންކުން) ކަމަށްވެސް މިިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
1.75 ޕަސެންޓުގެ އިންޓަރެސްޓު އަރާ ގޮތަށް ދޫކުރި މި ލޯނު އަނބުރާ ދެއްކުމަށް ގްރޭސް ޕީރިއަޑާއެކު ޖުމްލަ 20 އަހަރުގެ މުއްދަތެއް ލިބެއެވެ.
މީގެ ކުރިންވެސް ރާއްޖެއިން ވަނީ އިންޑިއާ މެދުވެރިކޮށް ލޯނު ނަގާފައެވެ. އެގޮތުން ފާއިތުވި ފަސް އަހަރު އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއިން ވަނީ 6 ލޯނެއް ނަގާފަ އެވެ. އެގޮތުން ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ވަނީ ނަގާފައެވެ.
އަދި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމަށް 41 މިލިއަން ޑޮލަރުގެ އިތުރުންވެސް ދިވެހި ސަރުކާރުން ބޭނުންވާ އެކި އެކި ޕްރޮޖެކްޓްތަކަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ލޯނު ވަނީ ނަގާފައި ވެއެވެ.
ތަފާތު އެކި މުއްދަތުތަކުގައި ދައްކާ ހަލާސް ކުރަން ޖެހޭ ދަރަނީގެ ބައެއް މިހާރު ވެސް ހިނގަމުން ދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހު ލޯނަށް 50 މިލިއަން ޑޮލަރު ދައްކާފައެވެ. އެއާއެކު ދެން އިންޑިއާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދަކީ 150 މިލިއަން ޑޮލަރެވެ. އަދި އޭގެތެރެއިން މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން 1 އަހަރު ދުވަހަށް ވަނީ ފަސްކޮށްދީފައެވެ.
އިންޑިއާއަކީ ދިވެހި ސަރުކާރާ ފެށުނީއްސުރެވެސް ގާތް ގުޅުމެއް ބާއްވަމުންދާ ގައުމަކަށްވާއިރު އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދެއެވެ.