ގދ. ރަފެލްސް ރިސޯޓުން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މުވައްޒަފު ފެނިއްޖެއެވެ.

ގދ. އަތޮޅު ފުލުހުންގެ އިދާރާއިން ބުނީ އެމީހާ ފެނިފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. ގެއްލިގެން ހޯދަމުންދިޔަ މީހާ ކަޔަކުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެމީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައި ވަނީ އިއްޔެ މެންދުރު ފަހު 3:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. ރަފެލްސް މޯލްޑިވްސް ރިސޯޓް އިން އިއްޔެ ހެނދުނު ކަޔަކެއްގައި މޫދަށް ފޭބި ބިދޭސީއެއް ގެއްލިގެން އުޅޭ ކަމަށް ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ގެއްލުނު ބިދޭސީ މީހާއަކީ އެ ރިސޯޓްގެ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މި ދުވަސްވަރަކީ ވިއްސާރަ އަދި ކަނޑު ގަދަ ދުވަސް ވަރެއް ކަމުން ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ގޮވާލާފައެވެ. އެމީހާ ގެއްލިގެން ރިޕޯޓްކޮށްފައިވާ ވަގުތަކީ މޫސުން ގޯސްވުމުގެ ސަބަބުން ރީނދޫ އެޅާޓް ވެސް ނެރެފައިވާ ވަގުތެވެ.