ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ “އޭއޭއޭ 37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މޭ 17 ވަނަ ދުވަހުގެ ހެނދުނު 6 ޖަހާ ހާއިރު ކ. ތިލަފުށިން 3 މީހުންނާއެކު ފުރި އެ ދޯނީގެ ހަބަރެއް ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައި ވަނީ އެ ދުވަހުގެ 17:20 ހާއިރުއެވެ. އެވަގުތުން ފެށިގެން އެމްއެންޑީއެފް އިން ދޯނި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކޯސްޓުގާޑުގެ އިތުރުން މޯލްޑިވިއަންވެ ބޯޓެއްވެސް ދަނީ ދޯނި ހޯދުމަށް ބޭނުން ކުރަމުންނެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފް އިން ބުނީ ކަނޑާއި ވައިގެމަގުން 4519 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށާއި މިހާތަނަށް ބެލިބެލުމުންއަދި އެ ދޯނި ފެނިފައި ނުވާ ކަމަށެވެ. ހަމައެހެންމެ ކަނޑާއި ވައިގެމަގުން، މީމު އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

އެ ދޯނިން ދަތުރުކުރީ ބަނގްލަދޭޝްގެ ތިން މީހުންނާއި ދިވެއްސަކާއެކު ޖުމްލަ 4 މީހުންނެވެ.

ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްވަރެއްކުމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ހާއްސަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުންވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.