ރާއްޖެ ސަރަހައްދުން މަސްބޭނި އިންޑިއާގެ ބޯޓަށް ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސް އޮފީހުން މާފުކޮށް އެ ބޯޓު ފުރުވާލައިފިއެވެ.

'ހޮލީ ސްޕިރިޓް' ނަމަކަށް ކިޔާ މި ބޯޓު އެމްއެންޑީއެފް އިން އަތުލައިގަތީ 23 އޮކްޓޯބަރު 2023 ގައެވެ. އަދި މި ބޯޓު 4،200،000 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ އޮކްޓޯބަރު 28، 2023، ގައެވެ. އެ ޖޫރިމަނާ މައާފު ކުރަން ބޯޓުގެ ވެރިފަރާތް އެންތަނީ ޖަޔަބަޔަލް އެދުނު ނަމަވެސް ކުރީގެ ސަރުކާރުން ނިންމީ ޖޫރިމަނާ މައާފު ނުކުރުމަށެވެ.

އަދި އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އެދި 13 ނޮވެމްބަރު 2023 ގައި އިތުރު ނޯޓިސްއެއް ފޮނުވާފައިވާއިރު، އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށްވެސް އޭރު ވަނީ އަންގާފައެވެ.

ނަމަވެސް ފިޝަރީޒް މިނިސްޓްރީން ވަނީ އެ ދައުވާ ބާތިލުކޮށްދޭން ސިވިލް ކޯޓުގައި އެދިފައެވެ. އެއާއެކު މިދިޔަ ބުރާސްފަތި ދުވަހު މި ދައުވާ ވަނީ ބާތިލުކޮށްފައެވެ. މި ބޯޓަށް ކުރި ޖޫރިމަނާ ރައީސް އޮފީހުން މާފުކޮށްދިނުމުން 17 މާޗުގައި އެ ބޯޓު ވަނީ ރާއްޖެއިން ފުރާފައެވެ.