މީގެ ގާތްގަނޑަކަށް ހަތް އަހަރު ކުރިން، ސެޕްޓެމްބަރު 2017 ގައި މާލޭގައި މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައެއްގައި ދައުވާކުރި މީހަކަށް ހައިކޯޓުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ދިން ވަގުތުގައި ގޮތެއް ނުނިންމުމުން، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ފިޔަވަޅު އަޅައިދޭން އެދިއްޖެއެވެ.

ސެޕްޓެމްބަރު 24، 2017 ގައި މާލޭގެ މާފަންނު އައިޓެމްސް ފިހާރަ ކައިރީ ވަޅިން ހަމަލާދީ ހިންގި މާރާމާރީގައި އަނިޔާވި، ވ. ކެޔޮދޫ، ދޭލިޔާގެ، އުމުރުން 19 އަހަރުގެ މޫސާ އަހްމަދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ އދ. މާމިގިލި، ޝޭޑީގްރޯވް، އިބްރާހީމް ސައްމާހް އަހްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.

އެހެންވެ ދައުލަތުން ވަނީ ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ސައްމާހް ބަންދުކޮށްދޭން އެދިފައެވެ. ދައުލަތުން އެދުނު ގޮތަށް ހައިކޯޓުން ބަންދުގެ އަމުރެއް ނެރެނުދިނުމަށް ހައިކޯޓުން ނިންމުމުން، ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެކަމަކު ސައްމާހްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ހައިކޯޓަށް މީގެ ނުވަ ދުވަސް ކުރިން އަންގައި ހަތް ދުވަހުގެ މުއްދަތެއް ދިނުމުން ވެސް، މިދިޔަ ބުރާސްފަތި ދުވަހަށް މުއްދަތު ހަމަވިއިރު އެ ކޯޓުން އަޑުއެހުމެއް ނުބާއްވައެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިކަމާ ގުޅިގެން ބުނީ:

  • މި މައްސަލައިގައި ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައި، ފިޔަވަޅެއް އަޅަން އެދިފައިވާ ކަމަށް
  • ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމާމެދު މަޝްވަރާކުރަމުންދާ ކަމަށް

މޫސާ އަހްމަދު މަރާލި މައްސަލައިގައި ސައްމާހްގެ އިތުރުން، އިތުރު ތިން މީހަކަށް ދައުވާ އުފުލާފައިވެއެވެ. އެއީ:

  • އަލީ ހަސަން، މުޑުދާސްގެ / އައްޑޫ ހިތަދޫ
  • މުހައްމަދު ރިޔާޒް، ކަނީރުމާގެ / ނ. ޅޮހި
  • އަހްމަދު އިޖާދު މުހައްމަދު، ދެބުދާރުގެ / މ. ދިއްގަރު

މީގެ ތެރެއިން މޫސާ އަހްމަދު މަރާލުމުގައި ބައިވެރިވިކަމަށް ސާބިތުވެ، 15 އަހަރަށް އަލީ ހަސަން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު، ދެން ތިބި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.