ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ކޮމަން ވެލްތް އެންޓަޕްރައިސް އެންޑް އިންވެސްޓްމެންޓް ކައުންސިލް (ސީޑަބްލިއުއީއައިސީ) އަދި އިކޮނޮމިކް މިނިސްޓްރީއިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އިގްތިސާދު ތަރައްގީ ކުރުމަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ދުޅަހެޔޮކަން ރަނގަޅުކުރުމަށްޓަކައި ކުރުން މުހިންމު ކަމެއްކަން އިކޮނޮމިކް މިނިސްޓްރީއިން ފާހަގަ ކުރެއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ މި އެމްއޯޔޫގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގެ އިގްތިސޯދީ ތަރައްގީ ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ އެހީތެރިކަން އެހީތެރިކަމާއި ލަފާ ލިބިގެންދާނެ ކަމަށެވެ.
މި އެމްއޯޔޫގެ ދަށުން ސޮވަރިން ވެލްތް ފަންޑްއެއް ގާއިމްކޮށް، ލަންޑަނުގައި އެ ފަންޑުގެ މަސައްކަތްތައް ފެށުމަށް މަގުފަހުކޮށްދިނުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސެސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ)އަށް ސީޑަބްލިއުއީއައިސީއިން އެހީތެރިވެދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ. ރާއްޖޭގެ އިކޮނޮމިކް ވެލިއު އަދި ފީސިބިލިޓީ ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ ރާއްޖޭގައި ބައިނަލްއަގްވާމީ ކަނޑު އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ސަޕޯޓް ސާވިސްއާ ގުޅޭ އިންޑަސްޓްރީއެއް އެކުލަވާލުމަށްޓަކައި ހަދާ ފްރޭމްވޯކް ހެދުމުގައި ވެސް ސީޑަބްލިއުއީއައިސީގެ ތަޖުރިބާކާރުންގެ ލަފާ ލިބޭނެ ކަމަށެވެ.
މީގެއިތުރުން ފައިނޭންޝިއަލް ސެންޓަރުތަކާއި ޑިވެލޮޕްމެންޓް ބޭންކް ތަރައްގީ ކުރުމަށް ބޭނުންވާ ފްރޭމްވޯކް ހެދުމުގައި ވެސް އެހީތެރިކަމާއި ތަޖުރިބާކާރުންގެ ލަފާ ލިބިގެންދާނެކަން އޮކޮނޮމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ސީޑަބްލިއުއީއައިސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ރޯޒީ ގްލޭޒްބްރޫކްއެވެ.