ރާއްޖޭގައި ޒިކާ ވައިރަސް ފެތިރެމުން ދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ހެލްތް މިނިސްޓްރީން ދޮގު ކޮށްފިއެވެ.
މި ވައިރަސް ފެތުރެމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ މި ދުވަސްވަރަކީ ރާއްޖޭގައި ހަލުވި ކަމާއެކު ޑެންގީ އާއި ޗިކުންގުންޔާ ފެތުރެމުން އަންނަ ދުވަސްވަރެކެވެ. މި ތިން ބައްޔަކީ ވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލި ބައްޔެވެ.
ޒިކާ ވައިރަސް ބަލި ނުވަތަ ޒިކާ ހުމަކީ އެތައް ދުވަހަކަށް ފަހު، އަލަށް ފެންމަތިވެގެން އުޅޭ ބައްޔެކެވެ. މިބަލި ފުރަތަމަ ފެނިފައި ވަނީ ރީނދޫ ހުމުގެ ވައްތަރެއް މޮނީޓާ ކުރުމަށް ހިންގި މަސައްކަތްތަކުގެ ތެރޭގައި ރާމާމަކުނުގެ ގައިން 1947 ވަނަ އަހަރު ޔޫގެންޑާ އިންނެވެ.
2015 ވަނަ އަހަރު އެމެރިކާ ބައްރުން ބްރެޒިލް އަދި ކޮލަމްބިޔާ އިން މިބަލި ފެނުނުއިރު، އެފްރިކާ ބައްރުގެ ކޭޕް ވާޑްއިން މިބަލިން ފެނިފައިވެއެވެ. އޭގެ ފަހުން އެމެރިކާ ބައްރުގެ 18 ގައުމަކުން މިބަލި ފެނުނުކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
ޒިކާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެނުމަށް ހޭދަވާ މުއްދަތު އަދި މުޅިން ސާފެއް ނުވެއެވެ. ބެލެވޭ ގޮތުގައި ބަލީގެ އަލާމާތްތައް ފެންނަނީ ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.
ޒިކާ ވައިރަސް ބަލި ޖެހުމުން ފެންނަ އަލާމާތްތަކަކީ ޑެންގީ ހުން ޖެހުމުން ފެނިދާނެ އަލާމަތް ތަކެކެވެ. އެގޮތުން ޒިކާ ވައިރަސް ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހަމުގައި ރަތްކުލައިގެ ބިހިތަކެއްނެގުން، ލޯރަތްވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ހުޅުތަކުގައި ރިހުން، ނުތަނަސްވުން، ވަރުބަލިވުން، ފަދަ އަލާމާތްތައް ހިމެނެއެވެ.
އާންމު ގޮތެއްގައި ބަލީގެ އުނދަގޫތައް ދެމިހުންނަނީ ގާތްގަނޑަކަށް 7-2 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ.