އަވަށްޓެރި އިންޑިއާގެ އުއްތަރަޕްރަދޭޝްގެ ޑިސްޓްރިކްޓްއަކުން ޒިކާ ވައިރަހުގެ ކޭހެއް ފެނިގެން ރިޕޯޓް ކޮށްފިއެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ އޮފިޝަލަކު ވިދާޅުވީ، އިންޑިއާ ވައިގެ އަސްކަރިއްޔާ (އައިއޭއެފް)ގެ ވޮރަންޓް އޮފިސަރެއްގެ ހަށިގަނޑުން ވައިރަހުގެ އަސަރު ފެނިފައި ވާކަމަށެވެ. މިއީ ކަންޕޫރުން ޒިކާ ވައިރަސް ފެނުނު ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.
ޗީފް މެޑިކަލް އޮފިސާ ނިޕާލް ސިންހް ވިދާޅުވީ، ޒިކާ ވައިރަހަށް ޕޮޒިޓިވްވި އައިއޭއފްގެ އޮފިސަރު ހުންނަ އަންނަތާ ދުވަސްތަކެއް ވެފައި ވާ ކަމަށާ، އެއަށް ފަހު، އެއާ ފޯސް ހޮސްޕިޓަލުގައި އޭނާ އެޑްމިޓް ކުރި ކަމަށެވެ.
ހަށިގަނޑުން ފެންނަމުން ދިޔަ އާދަޔާ ހިލާފު އަލާމާތްތަކުގެ ސަބަބުން ލޭ ނަގާ، އިތުރު ތަހުލީލުތަކަށް ޕޫނާއަށް ފޮނުވި ކަމަށާ، އޭނާ ޒިކާ ވައިރަހަށް ޕޮޒިޓިވްވީ އެހާ ހިސާބުން ކަމަށް ސިންހް ވަނީ ވިދާޅުވެފައެވެ.
ޒިކާއަށް ޕޮޒިޓިވްވި ޕޭޝާންޓާ ކޮންޓެކްޓް ވެފައި ވާ އިތުރު 22 މީހެއްގެ ސާމްޕަލް ނަގާ، އިތުރު ތަހުލީލުތަކަށް މިހާރު ފޮނުވާފައި ވާ ކަމަށް ސިންހް ވިދާޅުވިއެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ސިއްހީ އަދި މަދަނީ އިދާރާތަކުގެ އޮފިޝަލުން މިހާރު ވަނީ ސަމާލަށް ގެނެސްފައެވެ. އަދި ވައިރަސް ފެތުރިފައި ވާ މިންވަރު ދެނެގަތުމަށްވެސް ޓީމުތަކެއް ކަނޑައަޅާފައި ވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ޒިކާ ވައިރަސް ބަލި ނުވަތަ ޒިކާ ހުމަކީ ވައިރަސް އަކުން ޖެހޭ މަދިރީގެ ޒަރީޢާއިން ފެތުރޭ ބައްޔެކެވެ. ޒިކާ ވައިރަސް ބައްޔަކީ އެތައް ދުވަހަކަށް ފަހު، އަލަށް ފެންމަތިވެގެން އުޅޭ ބައްޔެކެވެ. މިބަލި ފުރަތަމަ ފެނިފައިވަނީ ރީނދޫ ހުމުގެ ވައްތަރެއް މޮނީޓާ ކުރުމަށް ހިންގި މަސައްކަތްތަކުގެ ތެރޭގައި ރާމާމަކުނުގެ ގައިން 1947 ވަނަ އަހަރު ޔޫގެންޑާ އިންނެވެ.
2015 ވަނަ އަހަރު އެމެރިކާ ބައްރުން ބްރެޒިލް އަދި ކޮލަމްބިޔާ އިން މިބަލި ފެނުނުއިރު، އެފްރިކާ ބައްރުގެ ކޭޕް ވާޑްއިން މިބަލިން ފެނިފައިވެއެވެ. އޭގެ ފަހުން އެމެރިކާ ބައްރުގެ 18 ގައުމަކުން މިބަލި ފެނުނުކަމަށް ރިޕޯޓްކޮށްފައި ވެއެވެ.ޒިކާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެނުމަށް ހޭދަވާ މުއްދަތު އަދި މުޅިން ސާފެއް ނުވެއެވެ. ބެލެވޭގޮތުގައި ބަލީގެ އަލާމާތްތައް ފެންނަނީ ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.
ޒިކާ ވައިރަސް ބަލި ޖެހުމުން ފެންނަ އަލާމާތްތަކަކީ ޑެންގީ ހުން ޖެހުމުން ފެނިދާނެ އަލާމަތްތަކެކެވެ. އެގޮތުން ޒިކާ ވައިރަސް ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހަމުގައި ރަތްކުލައިގެ ބިހިތަކެއްނެގުން، ލޯރަތްވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ހުޅުތަކުގައި ރިހުން، ނުތަނަސްވުން، ވަރުބަލިވުން، ފަދަ އަލާމާތްތައް ހިމެނެއެވެ.
އާންމު ގޮތެއްގައި ބަލީގެ އުނދަގޫތައް ދެމިހުންނަނީ ގާތްގަނޑަކަށް 7-2 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ.