މާލެ ސަރަހައްދުގައި ދެމުންދާ ޓެކްސީ ހިދުމަތުގެ އަގުތަކަށް ސަރުކާރުން ބަދަލު ގެނައުމުން، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ނުރުހުން ފާޅުކޮށްފިއެވެ.

ސަރުކާރުން އިއްޔެ ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ކަނޑައަޅައިފައެވެ. އެގޮތުން ހަ ސީޓަށް ވުރެ މަދުން ސީޓު ހުންނަ އުޅަނދުފަހަރާއި ހަތް ސީޓާއި 10 ސީޓާ ދެމެދުގެ އުޅަނދުފަހަރުން ނެގޭނެ އަގުތައް ކަނޑައަޅައި، އަންނަ ހޯމަ ދުވަހުން ފެށިގެން އެއަށް އަމަލުކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އެކަމާ ނުރުހުން ފާޅުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ބުނީ، އެ މީހުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭ ޓްރާންސްޕޯޓް މިނިސްޓްރީ އާ އެކު ބައްދަލުވުންތައް ބޭއްވުނު ކަމަށާއި، ޑްރައިވަރުން ދިޔައީ މައްސަލަ ހައްލުކުރުމަށް ވާހަކަ ދައްކަމުން ކަމަށެވެ.

ޑްރައިވަރުން ބުނީ، އެއާޕޯޓުގައި ދަތުރުކުރަމުންދިޔަ ފަސިންޖަރުންނަށާއި ޓެކްސީތަކަށް އުނދަގޫކުރުމުގެ މަރުހަލާއެއް ފުރަތަމަ އުފެއްދީ ސަރުކާާރުން ކަމަށާއި، އެގޮތުން އެތަނުގައި މައްސަލަ އުޅޭ ކަމަށް ބުނެ، ފުލުހުން އެއާޕޯޓުގައި ބައިތިއްބައިގެން ފަހަރަކު މީހަކަށް ދަތުރުކުރުމުގެ ފުރުސަތު ދެމުން ދިޔަ ކަމަށެވެ. އެއާޕޯޓަށް އެއްފަހަރާ ތިން ހަތަރު ފްލައިޓް ޖައްސާ ކަމަށާއި، އެހެންވެ ފަހަރަކު މީހަކަށް ދަތުރުކުރާނެ ފުރުސަތު ދިނުމުން އެކަމަށް ގިނަ ވަގުތު ހޭދަވެ، އާންމުން ހިތްހަމަނުޖެހިފައި ތިބޭ ކަމަށް، ޑްރައިވަރުން ބުންޏެވެ.

ސަރުކާރުން އަގުތައް ކުޑަކުރީ މީޓަރު ކަނޑައެޅެންދެން އަގުތައް އެއްވަރެއްގައި ބަހައްޓައިދޭނެ ޔަގީންކަން ދިނުމަށް ފަހު ކަމަށާއި، ނަމަވެސް ޓެކްސީގެ އަގުތައް 40 ޕަސެންޓު ކުޑަކުރި ކަމަށް ބުނެ، ޑްރައިވަރުން ވަނީ ސަރުކާރުގެ މައި އެއް ކުންފުނި އެމްޓީސީސީން ކާރުތަކެއް ގެންގޮސް އެއާޕޯޓުގައި ޓެކްސީގެ ހިދުމަތް ދޭން ފަށާފައިވާ ކަމުގެ ތުހުމަތުކޮށްފައެވެ.

އެ މީހުން ބުނި ގޮތުގައި، ސަރުކާރުން ވަނީ ފުލުހުންނާއި އެއާޕޯޓުގެ މުވައްޒަފުން ބައިތިއްބައިގެން ޓެކްސީތަކުން އަވަހަށް ދަތުރުކުރެވޭ ގޮތަށް ހުރަސްއަޅައި، ޓެކްސީ ޑްރައިވަރުންނަކީ ނާގާބިލު ބައެއްކަން އާންމުންނަށް ދެއްކުމަށްޓަކައި މަސައްކަތްކޮށްފައެވެ.