ވެއިޝިން ޕޭ، ނުވަތަ ބައިނަލްއަގުވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ ބޭންކް އޮފް މޯލްޑިވްސްގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމާއެކު ޗައިނާ އާ ދެމެދު ވިޔަފާރި ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވެއްޖެއެވެ.

ލިޒިން ވިދާޅުވީ ވީ-ޗެޓް ޕޭ އާއެކު ޗައިނާގެ ފަތުރުވެރިންނަށާއި، ވިޔަފާރިވެރިންނަށް ފަސޭހަވެގެން ދާނެ ކަމަށާއި މި ކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދު ވިޔަފާރިތައް ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ވީޗެޓް ޕޭ އަކީ، ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެންނާއި، އެ އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ފައިސާގެ އޮންލައިން މުއާމަލާތްތައް ފޯނުން ކުރުމަށް ޗައިނާއިން ތައާރަފް ކޮށްފައިވާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ލިބޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މިހާރު ޗައިނާގެ އިތުރުން އެހެން ގައުމުތަކުން ވެސް ވަނީ ބޭނުން ކުރަން ފަށާފައެވެ.

ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މި ހިދުމަތް އަދި ފަށާފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީފްރީގައި ހިމެނޭ ވިޔަފާރިތަކަށް އެކަނި ކަމަށެވެ.

އިތުރަށް މޫސާ ނިމާލް ވިދާޅުވީ ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނެވޭ ގޮތަށް ހަމަޖެހިގެން ދިޔުމާއެކު، ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ 1 ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށް ވެސް ފައިސާ ދެއްކޭނެ މަގު ފަހިވެފައި ވާކަމަށެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން. މިގެނެވުނު ބަދަލާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުން އިހްތިޔާރުކުރާ ގޮތަކަށް، ފަސޭހަކަމާއެކު ފައިސާ ދެއްކޭނެގޮތް މިވަނީ ހަމަޖެހިގެންގޮސްފައި.
މޫސާ ނިމާލް

ބީއެމްއެލްއަކީ ރާއްޖޭގައި މާޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.