މިފެށޭ ދިރާސީ އާ އަހަރު ސަރުކާރު ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެއުމަށް ގިނަ ޕްރޮޖެކްޓުތަކެއް ރޭވިފައިވާ ކަމަށެވެ.
އެގޮތުން ޓީޗަރުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވުމުގެ އިތުރުން މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ސްކޫލްތަކުގައި ޓީޗަރުން ހޭދަކުރާ ވަގުތު މަދު ކުރުމަށް އެކަށީގެންވާ ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އޭސީ ހަރުކުރުމުގެ މަޝްރޫއުގެ ތެރެއިން ދެ އަހަރު ތެރޭގައި ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފެށުން. އިރާދަކުރެއްވިއްޔާ، 2 އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކޮށް ނިންމާނަން. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާނަން." ޝަފީއު ވިދާޅުވިއެވެ.
މިގޮތަށް ސަރުކާރުން ނިންމާފައިވާއިރު ބައެއް ސްކޫލްތަކުން ދަނީ ހޫނު ގަދަވުމުގެ ސަބަބުން ކްލާސްތަކަށް ފަންކާ އާއި އޭސީ ހޯދުމަށް ބެލެނިވެރިންގެ އެހީތެރިކަމަށް އެދެމުންނެވެ. އެކަމާ ގުޅިގެން އެއް ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންދާއިރު އަނެއްބަޔަކު ދަނީ އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ.