އެއާޕޯޓް ޓެކްސީ ކިއުއާ ގުޅޭ މައްސަލަ ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ކިއުއާރް ކޯޑް މެދުވެރިކޮށް މިހާތަނަށް 40 ޝަކުވާ ހުށަހަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މި ކިއުއާރް ކޯޑް ތައްޔާރުކޮށް އާންމުކޮށްފައި ވަނީ އެއާޕޯޓް ޓެކްސީ ކިއުއިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއް ދުވަހުން އަނެއް ދުވަހަކަށް އިތުރުވަމުންދާތީ އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކިއުއާރް ކޯޑް މެދުވެރިކޮށް މިހާތަނަށް ގާތްގަނޑަކަށް 40 ޝަކުވާ ހުށަހަޅާފައި ވާއިރު އެ ހުރިހާ މައްސަލައެއް ބަލާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތާއި ޓެކްސީ ޑްރައިވައިރުގެ ވާހަކަ އޮޅުންފިލުވައި، 9 ޓެކްސީ ޑްރައިވަރަކަށް ނަސޭހަތްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ބިދޭސީއެއްގެ އެންމެ މައްސަލައެއް ކަމަށް ވާއިރު، އެމީހާއަކީ ހުއްދަ ލިބިގެން ޓެކްސީ ކުރާ ފަރާތެއް ކަމަށް މީޑިއާ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. އަދި އެއީ އަގު ބޮޑުކޮށް ދަތުރުކޮށްގެން ހުށަހެޅުނު މައްސަލައެއް ކަމަށާއި އެމީހާއަކީ ރެސިޑެންސް ވިސާ އޮންނަ ފަރާތެއްކަން ޓްރާންސްޕޯޓް މިނިސްޓްރީއިން ބެލިބެލުމުން އެނގިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކިއުއާރްކޯޑު މެދުވެރިކޮށް ޝަކުވާ ހުށަނޭޅޭ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ކިއުއާރްކޯޑުގެ މައްސަލައެއް އުޅޭތޯ ޗެކްކުރާ ކަމަށް މީޑިއާ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް ޗެކު ކުރި އެއްވެސް ފަހަރަކު ކިއުއާރްކޯޑުގެ އެފަދަ މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުފައެވެ.

އާންމުންގެ ފަރާތުން ހުށަހަޅާ މިފަދަ ޝަކުވާތައް ބެލުމަށްޓަކައި މިނިސްޓްރީއިން ވަނީ ޓެކްސީ ޝަކުވާ ބެލުމާ ގުޅޭ ކޮމިޓީއެއް އެކުލަވާލާފައެވެ.