ލޮނުޒިޔާރަތް މަގުގައި ހުރި ގެއަކުން ވައްކަން ކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ގަލޮޅު ލޮނުޒިޔާރަތް މަގުގައި ހުރި ގެއަކުން ވައްކަން ކުރި މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މީހާގެ މުއްދަތު ޖެހި ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދު ކޮށްފައި ވަނީ ވައްކަމާއި ހުއްދަ ނެތި ގޯތި ގެދޮރަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައިގައި ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި އެގޮތުން އެ ކަން ހިނގިތަނަށް ދިޔަ ފުލުހުންގެ ބަޔާނާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ހިމެނޭ ކަމަށްވެސް އެ ކޯޓު އަމުރުގައި ވަނީ ފާހަގަ ކޮށްފައެވެ.

އޭނާ ބަންދު ކޮށްފައި ވަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

އެ އަމުރުގައި އިތުރަށް ބުނެފައިވަނީ އެ މީހާ އަކީ ހައްޔަރާއި ބަންދުކުރުމުގެ ލޮގް އޮތް ފަރާތެއް ކަމަށެވެ.