ސެނަހިޔާގައި ތިބި އިންޑިއާ ސިފައިންގެ އަސްކަރީ އެއްވެސް ރޯލެއް ނެތް ކަމަށާއި އެމީހުންގެ ފަރާތުން ގައުމަށް ނުރައްކާވާނެ ކަމަށް ފެންނަ ނަމަ އަނބުރާ ފޮނުވާލާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ ސެނެހިޔާގައި ތިއްބެވި ޑޮކްޓަރުންނަކީ ސެޕްޓެމްބަރު 10، 2012އިން ފެށިގެން ސިފައިންގެ އެދުމުގެ މަތިން ސިފައިންނަށް ހިދުމަތް ދިނުމަށް ގެނެސްފައި ތިބި ޑޮކްޓަރުން ކަމަށެވެ. އަދި ރައީސްގެ ވިސްނުންފުޅަކީ އެމީހުންގެ ފަރާތުން ވެސް ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއްވާނަމަ، އެބޭފުޅުން ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ނުރައްކަލެއް އޮތް ނަމަ އިންޑިއާ ސަރުކާރުގައި ދަންނަވައިގެން އެކަން ކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި މިވަގުތަށް އެމީހުން ގެންދަން ޖެހޭ ސަބަބެއް އޮތް ކަމަށް ސަރުކާރަކަށް ނުފެންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވިދާޅުވީ ސެނަހިޔާގައި މަސައްކަތް ކުރައްވަނީ ދިވެހި ސިފައިން އެދިގެން ފޮނުވާފައި ތިބި އިންޑިއާ ޑޮކްޓަރުން ކަމަށެވެ. އަދި އެމީހުން މަސައްކަތް ކުރަނީ ރޮޓޭޝަނަލް ބޭސިސްއެއްގައި ވަރަށް ކުރު މުއްދަތަކަށް ދައުލަތުން ދޫކުރާ ވިސާއެއްގައި ތިބިގެން ކަމަށެވެ.
އެމީހުންގެ މަސައްކަތް ކުރަނީ ސިއްހީ ގޮތުން ސިފައިން އަދި ސެނަހިޔާއިން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ޑޮކްޓަރުން ދޭ ހިދުމަތް ދިނުމަށް ކަމަށާއި ރޮޓޭޓް ވާއިރު، އަންނަ މީހުންނަކީ ސިފައިން އެދިގެން އަންނަ މީހުން ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮންނަ ބައެއް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އިންޑިއާ ސިފައިން ފޮނުވާލި ގޮތުގެ ތަފްސީލް ހާމަކުރައްވާ ޒަމީރު ވިދާޅުވީ ގަމުގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މާޗު 7ގައި 12 ސިފައިން އަދި މާޗު 9 ގައި 14 ސިފައިން ފޮނުވާލާފައިވާ ކަމަށެވެ. އަދި ހަނިމާދޫގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން އޭޕްރީލް 7ގައި 13 ސިފައިން އަދި އޭޕްރީލް 9 ވަނަ ދުވަހު 12 ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.
ލ ކައްދޫގައި ތިބި މިލިޓަރީ މީހުންގެ ތެރެއިން މެއި 7ގައި 12 ސިފައިން އަދި މޭ 9ގައި 13 ސިފައިން ފޮނުވާލާފައިވާ ކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ. އަދި އުތުރުތިލަފަޅުގައި އިންޑިއާގެ އަސްކަރީ ސިފައިންގެ މީހަކު ނެތް ކަމަށް ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މޮޔައިންނޭ……!!! ތިޔަބުނާ މީހުންގެ ޢަސްކަރީ ރޯލު އޮންނާނީ ވަގުތު ޖެހުނީމާ.