ފަލަސްތީނަށް އދ ގެ ދާއިމީ މެންބަރުކަން ދިނުމަށް އދ ގެ އާންމު މަޖިލީހުން ފާސްކުރި ކުރުމަކީ އެ ގައުމުން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ތާރީހީ ކާމިޔާބެއް ކަމަށް ސިފަކުރައްވައި، އދ ގެ ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުރީފްކުރައްވަައިފިއެވެ.

އިއްޔެ އދ ގެ އާންމު މަޖިލީހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފަ އެވެ. މި ގަރާރަކީ ރާއްޖޭން ކޯސްޕޮންސާކޮށްފައިވާ ގަރާރެއްކަން ފާހަގަކުރެވެއެވެ.

މި ގަރާރަށް ރޭ ނެގި ވޯޓުގައި 143 ގައުމަކުން ވަނީ ތާއީދުކުރި އިރު، އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިނެވެ. އަދި 25 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދިނެވެ.

ރޭ 'އެކްސް'ގައި އދ ގެ އާންމު މަޖިލީހުގެ ނިންމުމަށް ތައުރީފްކުރައްވައި ރައީސް ލިޔުއްވި ގޮތުގައި، އދ ގެ އާންމު މަޖިލީހުން ފަލަސްތީނަށް އދ ގެ ދާއިމީ މެންބަރުކަން ދިނުމަށް ފާސްކުރުމަކީ އެ ގައުމުން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ތާރީހީ ކާމިޔާބެކެވެ.

"ފަލަސްތީނުގެ ރައްޔިތުން މިނިވަންކަން ހޯދުމަށްޓަކައި ހިތްވަރާއެކު މަސައްކަތްކުރަމުންދާތާ އެތައް ޒަމާނެއް ވެއްޖެ، ދިވެހިރާއްޖެ އާއި ދިވެހީން އެ މީހުންގެ (ފަލަސްތީން ރައްޔިތުންގެ) ވިލުންވެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަންނަން،" އެމަނިކުފާނު ލިޔުއްވިއެވެ.

އދ ގެ އާންމު މަޖިލީހުން މި ގަރާރު ފާސްކުރި ނަމަވެސް، ފަލަސްތީނަށް އދ ގެ ދާއިމީ މެންބަރުކަން ލިބޭނީ އދ ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްކުރުމުންނެވެ.

އެކަންއުންސިލްގައި އެމެރިކާ ހިމެނޭ އިރު, ފަލަސްތީނަށް ދާއިމީ މެންބަރުކަން ދޭން އެމެރިކާ ދެކޮޅުކަން މީގެ ކުރިން ހާމަ ކޮށްފައި ވެއެވެ.

193 މެންބަރުން ތިބޭ އދ ގެ އާންމު މަޖިލީހުން ފަލަސްތީނަށް ދާއިމީ މެންބަރުކަން ދޭން ފާސްވުމަކީ އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

1948 އިން ފެށިގެން އދ ގައި އޮބްޒާވަރެއްގެ ގޮތުގައި އިނުން ފިޔަވައި ފަލަސްތީނަށް މެންބަރަކަށް ލިބޭ އެއްވެސް އިމްތިޔާޒެއް ނުލިބި ވަކާލާތު ކުރަމުން އައިސްފައިވަނީ އިޒްރޭލު ދައުލަތެއްގެ ގޮތުގައި އދ އިން ބަލައިގަންފައިވާ ގޮތަށް ފަލަސްތީނަކީ ވެސް ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށެވެ. ނަމަވެސް އޭރު ވެސް އެކަން ނުވީ އެމެރިކާ އާއި ސެކިއުރިޓީ ކައުންސިލްގައި ތިބޭ ނުފޫޒުގަދަ ގައުމުތަކުގެ ސަބަބުންނެވެ.

އެ ލިސްޓުގައި އޭރު ޗައިނާ އާއި ރަޝިއާ ހިމެނުނު ނަމަވެސް މި ފަހުން އެ ދެ ގައުމުން ވަކާލާތުކުރަމުން ދިޔައީ ފަލަސްތީނު ދައުލަތަކަށް ހެދުމަށެވެ.

އިއްޔެގެ ގަރާރުގައި ވަނީ ފަލަސްތީނަކީ އދ ގެ ދާއިމީ މެންބަރެއްކަން ގަބޫލުކުރުމަށް ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުމަށާއި މީގެ ކުރިން އެކައުންސިލުން ބޮލާލައި ޖަހާ ބޭރުކޮށްލި ކޮށްލުން އަނބުރާ އިއާދަ ކުރުމަށް އެދުމަށް ހުށަހަޅައިފައެވެ.