މަސްތުވާތަކެއްޗާއެކު ގދ. ވާދޫއިން ހައްޔަރުކުރި މީހަކު ޝަތުރުކޮށް ދޫކޮށްލައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އިއްޔެ ގދ. ވާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށް އޭނާ ދިއިރުޅޭ ގެ ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަ ށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ މީހާ ދޫކޮށްލާފައި ވަނީ ކޮން ޝަރުތު ތަކަކާ އެކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ އެ އޮޕަރޭޝަނުގައި ފެނިފައި ވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އަދި ކޮން ބާވަތެއްގެ ތަކެއްޗެއް ކަމެއްވެސް މިހާތަނަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކޯޓާ ހިސާބުން ދޫވާ މައްސަލައަކީ އާންމުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް މައްސަލައަކަށް ވަނީ ވެފައެވެ.