އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފުހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަޖީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ ތޯރިގު އިބްރާހިމެވެ. އަދި ޖޭވީ ވިޒްޑަމް ނެގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ވަންގް ޓާއޯއެވެ.

ފަސް އަހަރުގެ ތެރޭގައި ގައުމަށް ބޭނުންވާ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މިނިސްޓްރީއިން ބުނީ ރައީސްގެ އެ ވައުދުފުޅުގެ ދަށުން ކުރިއަށް ގެންދެވޭ މަގޭ ސޯލާ މަޝްރޫއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ހަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ފެށިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ތަކެއް ރާއްޖޭގެ ރައްރަށުގައި ގާއިމުކުރުން ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން ބުނީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ގަނެވޭ އެ 3 މެގަވޮޓްތެރޭގައި ހިމެނެނީ 3 ކިލޯވޮޓުގެ 375 ނިޒާމާއި އަދި 5 ކިލޯވޮޓުގެ 375 ނިޒާމެއް ކަމަށާއި އެގޮތުން ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވިފައިވާ ކަމަށާއި އެއީ ގައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް 5 ޕަސެންޓް ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.