އުޒްބަކިސްތާނަށް ދިޔަ ދިވެހި ދަރިވަރެއްގެ އަތުން ޑްރޯން އެއް ފެނިގެން އެ ގައުމުގައި ހިފެހެއްޓުމާ ގުޅިގެން އެކަން ފޮރިން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ކްލިކް ކޮލެޖުގެ ފަރާތުން ހުސްވި މަހުގެ 23 ވަނަ ދުވަހު ކުރި ސްޓަޑީ ޓުއާއެއްގައި މި ދަރުވަރު ހިފަހައްޓާފައި ވަނީ ދަތުރު ނިންމާލުމަށްފަހު އެނބުރި ރާއްޖެ އަންނަ ފުރަން އުޅުމުގެ ތެރޭގައެވެ.
އެ ދަރިވަރާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އުޒްބަކިސްތާނަށް ދިޔައިރު ޑްރޯން ނުގެންދެވޭކަން ނޭނގޭ ކަމަށާއި އެ ގައުމަށް އެތެރެވިއިރު ޑްރޯންގެ އިތުރުން ކެމެރާ ގެންދިއުމުގައި ވެސް އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ.
ހަމައެހެންމެ ޑްރޯން ގެންގުޅުން މަނާކަން އެނގުނީ ސައިޓްސީން އަކަށް ގޮސް އުޅެނިކޮށް ޓުއާ ގައިޑް ބުނުމުން ކަމަށްވެއެވެ. އަދި ޑްރޯން މެދުވެރިކޮށް އެ ގައުމުގެ އެއްވެސް މަންޒަރެއް ނަގާފައި ނުވާ ކަމަށް ދަރިވަރާ ހަވާލާދީ ރިޕޯޓު ކޮށްފައި ވެއެވެ.
އެ ކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ، އުޒްބަކިސްތާނުގައި ޑްރޯން އެއް ހިފައިގެން ހަރަކާތްތެރިވި ދިވެއްސެއްގެ މައްސަލަ އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ އުޒްބަކިސްތާނުގެ މިޝަން އާ ގުޅިގެން އިތުރަށް ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ދަރިވަރު ހިފަހައްޓާފައިވާތާ 10 ދުވަސް ފާއިތުވިއިރު އެ ދަރިވަރާއެކު އެ ކޮލެޖުގެ ލެކްޗަރާއެއްވެސް ވަނީ އުޒްބަކިސްތާނުގައި މަޑުކޮށްފައެވެ.
އުޒްބެކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ 2015 ވަނަ އަހަރު ޑްރޯން އެތެރެކުރުމާއި ބޭނުންކުރުން މުޅިން މަނާކޮށްފައެވެ. އެ ގައުމުގައި ޑްރޯން ބޭނުން ކުރުން މަނާކޮށްފައި ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ކަންބޮޑުވުން ހުރި ކަމަށް ބުނެއެވެ.