ހާއްސަކޮށް ޑޮކްޓަރުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ލިޔުމާއި ފޮޓޯ ބޭނުންކޮށްގެން އެމީހުންގެ އަގު ވައްޓާލަން މަސައްކަތް ކުރުން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ކުށްވެރި ކޮށްފިއެވެ.
އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސިއްހީ ހިދުމަތްތެރިންގެ އަގު ވެއްޓި، ސިއްހީ ދާއިރާއިން ދޭ ހިދުމަތްތަކާ މެދު އޮތް އިތުބާރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުންތަކާއި ފޮޓޯ ބޭނުން ކުރަމުން އަންނަ ކަން ފާހަގަވެފައިވާ ކަަމަށެވެ. އަދި މިފަދައިން މިކަން ހިންގަމުން ދާ ނަމަ މީގެ ނޭދެވޭ އަސަރު ކުރާނީ ސީއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް ކަމަށެވެ.
މިފަދަ އަމަލުތަކުގެ ސަބަބަބުން ސިއްހީ މުޅި ނިޒާމަށް ރައްޔިތުންގެ އޮންނަ އިތުބާރު ގެއްލިގެން ދާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުރަން ނުޖެހޭ އެތައް ހޭދައެއް ކޮށްގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ދިއުމުގެ ސަގާފަތް ދިރުވޭ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަކީ އެތައް ގޮންޖެހުން ތަކަކާއެކު މަސައްކަތްކުރާ ބަޔަކަށް ވާއިރު މިފަދަ އަމަލުތަކުގެ ސަބަބުން އެ ފަރާތްތައް އިތުރަށް މާޔޫސްވެ، ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ގިނަ ދުވަހު މަސައްކަތުގައި ބޭތިއްބުމަށް ވެސް ހުރަސްތައް ކުރިމަތިވާ ކަމަށް އެ އެސޯސިއޭޝަން އިން ބުނެއެވެ.
އެހެންކަމުން ސިއްހީ ދާއިރާއާ ގުޅުން ހުރި ކަންކަމުގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވާހަކަ ފަތުރާ އިރު އެ މައުލޫމާތުގެ ތެދު ކަމާއި ހަގީގަތް ހޯދައިގެން މައުލޫމާތު ހިއްސާ ކުރުމަށް އެ އެސޯސީއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސިއްހީ ހިދުމަތް ދިނުމަށް މުޖުތަމައުގެ ފަރާތުން ދޭން ޖެހޭ އެއްބާރު ލުން ދިނުމަށް ވަނީ ގޮވާލާފައެވެ.
މި މައްސަލަ ފެންމަތިވެގެން މި އުޅެނީ، ދާދި ފަހުން އެކްސްގައި ކާކުކަން ނޭނގޭ އައިޑީއަކުން ކުރި ޕޯސްޓެއްގައި، އައިޖީއެމްޗުގައި ވިހެއި ތުއްތު ކުއްޖެއްގެ ލޭގެ ޓެސްޓުތައް ހެދުމުން އެ ކުއްޖާގެ އެއްވެސް އިންފެކްޝަނެއް ނެތްކަން އެނގުމުން ވެސް ނޭވާލުން އަވަސް ކަމަށް ބުނެ އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދޭން އުޅުނު ކަމަށް ބުނެ ލިޔެފައިވާ ޕޯސްޓްކާ ގުޅިގެންނެވެ. އަދި ކުއްޖާގެ މަންމަ އެކަން ހުއްޓުވަން އުޅުމުން ވެސް އެއީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުން ކަމަށާއި ޑޮކްޓަރު ކަމާ ބެހޭ އިދާރާ އަށް އެ މައްސަލަ ރިޕޯޓްކުރާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ވެސް އެ ޕޯސްޓުގައި ތުހުމަތު ކޮށްފައި ވެއެވެ.
އަދި ހަކުުރު ދަށްވެގެން ކަމަށް ބުނެ އެ ކުއްޖާ ނާސަރީ އަށްލާ އޭގެ ދެ ގަޑިއިރު ފަހުން ހަކުރު ހުރި ވަރު ރަނގަޅު ކަމަށް އެންގި ކަމަށް އާއިލާ އިން ބުނެއެވެ. ނަމަވެސް އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދޭން ޖެހޭ ކަމަށް އަންގައި ބޭސް ދިނުމަށް ފަހު ކުއްޖާ އަށް ރޮވޭތީ ކަމަށް ބުނެ އަނގަމަތީގައި ފޮތިގަނޑެއް ވެސް ބޭއްވި ކަމަށް އެ ޕޯސްޓުގައި ވެއެވެ.
މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެފަދަ ވާހަކަތަކެއް މީސްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ފެތުރެމުްނ އަންނާތީ އެއީ ހަގީގަތާ ހިލާފަށް ދެކެވެމުންދާ ވާހަކައެއް ކަމަށެވެ. ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި މީސްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާއި ބެހޭ ގޮތުން ވަކިގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް، ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފްސީލުތަކަކީ އާންމުކޮށް މީސްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވެއެވެ.
އެ މައްސަލައިގައި ވެސް ބޭސް ދިނުމާއި ފަރުވާއާއި ގުޅުން ހުރި އެހެނިހެން ކަންކަން ބަލި މީހާގެ އާއިލާއާއި މަޝްވަރާ ކޮށް، ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ފަރުވާ ދޭއިރު ހިތްހަމަ ނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް، އޮޅުން ފިލުވޭނެ އިންތިޒާމުތަކާއި އަދި އެއަށްފަހު ވެސް މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާނެ ކަމަށް ބުނެފައި ވެއެވެ.
ހިތްހަމަ ނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރު ކުރުމުގެ ބަދަލުގައި މީސްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް އެ ހާދިސާއަކާ ގުޅުވައި ހޮސްޕިޓަލުގައި ރައްޔިތުންނަށް ހިދުމަތްދޭ ފަރާތްތަކުގެ ފޮޓޯ އާންމު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
މަޖުބޫރުކޮށްގެން ވެކްސިން ޖަހާފައިވާތީ ބަދަލު ދިނުމަށް ގޮވާލަން
ކޮންމެ ދާއިރާއަކަށް ވީނަމަވެސް އެފަދަ ޢަމަލެއް ހިނގައިފިނަމަ މިޒަމާނުގައި އެކަހަލަ ވާހަކަތައް ފެތުރޭނެ އެހެންވީމާ އެވަރު ވެސް ވީ ނަން އެބަޖެހޭ! ގިނަފަހަރު އެފަދަ މައްސަލަ ތައް ސޮސްޕިޓަލްތަކުން ފެނޭ އެފަދަ ގިނަ މައްސަލަ ތައް އާންމުންނާ ހިއްސާކުރަނީ ހޮސްޕިޓަލުގައި ތިބޭ ބަލިމީހުން އެމީހުންނަށް ޚިދުމަތް ދޭ ގޮތުން ކަމަށް ބެހެވޭ!