ވަށައިގެން ދަނގަޅު ތޭރި ފެންސެއްގެ އެތެރޭގައި ބަންދުކޮށްގެން ގެންގުޅޭ ގާޒާއަށް ކާބޯތަކެއްޗާއި އެހެނިހެން އެހީ މިވަގުތު ލިބޭ ހަމައެކަނި މަގު, ރަފާ ގެ ދޮރާށި އިޒްރޭލުން ހިފާ ބަންދު ކުރުން އެމެރިކާއަށް ބޮޑުކަމަކަށް ނުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި އެކިއެކި ޖަމާއަތްތަކުން އިޒްރޭލުގެ އުދުވާން ކުށްވެރި ކޮށް އަދި ހާއްސަކޮށް ރަފާގެ ދޮރާށި ބަންދުކުރުން ކުށްވެރި ކުރަމުން ދާ އިރު އެމެރިކާއިން ބުނީ, އެމީހުންނަށް ފެންނަނީ އިޒްރޭލުން ހިންގަނީ ވަރަށް "ލިމިޓެޑް އޮޕަރޭޝަނެއް" [ކުޑަ އޮޕޮރޭޝަނެއް[ ކަމަށާއި, އެމެރިކާއިން ބާރު އަޅަނީ ސުލްހައަށް ކަމަށެވެ.

ރަފާގެ ބޯޑަރު އިޒްރޭލުން ބަންދު ކުރި ފުރަތަމަ ދުވަހުވެސް 100 އެއްހާ މީހުން ޝަހީދު ކޮށްލައި, 100,000 މީހުން ވަޒަނުން ފައްސާލައި, ގާޒާއާއި ދުނިޔެއާ އޮތް ގުޅުން ކަނޑުވާލުމުން ވެސް އެމެރިކާ އަށް ފެނުނީ އެއީ އާދައިގެ ކަމެއްގެ ގޮތުގައެވެ. މީގެ ކުރިން އިޒްރޭލުން ގާޒާގެ އުތުރު, ދުނިޔެއާ ވަކިކޮށްލައި ކާބޯތަކެއްޗާއި ބޯފެނާއި, ބޭހާއި ތެލާއި އެހެނިހެން ވަސީލަތްތައް އެތާނގެ ރައްޔިތުންނަށް ލިބުނަ ނުދީ ބަނޑަށް ޖެއްސި ގޮތް އެމެރިކާއަކަށް ނުފެނުނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ކާނެ ބޯނެ އެއްޗެއް ނުލިބި އަދި ހެދިބޮޑުވުމަށް ބޭނުންވާ ރަނގަޅު ކާނާ ނުލިބި ހިކި އަނރޫފަވަމުން ގޮސް ހައިހޫނުކަމުގައި މިއަދާ ހަމައަށް 38 ކުޑަކުދިން ވަނީ މިދުނިޔެ ދޫކޮށްފައެވެ. މީގެ އިތުރުން ޖާނުން ވަރުގަދަ ބޮޑެތި މީހުންނާއި އުމުރުން ދުވަސްވީ މީހުންވެސް ހައިހޫނު ކަމާ ހަނގުރާމަ ކުރަމުން ދާ އިރު, ރަފާ ބަންދުކޮށްލުން އެމެރިކާ އަށް ހަމަ އެއްކަމަކަށް ވެސް ނުވިއެވެ.

އދ އާއި އީޔޫ އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އިދާރާތަކުން ބުނީ, ރަފާ ބަންދު ކޮށްލުމަކީ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމެއް ކަމަށާއި މިހާރުވެސް އެކަށީގެންވާ ކާބޯތަކެއްޗާއި ބޭހާއި ފެނަށް ޖެހިފައި ތިބި ބަޔަކަށް މިއީ ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.

އިޒްރޭލުގެ މި ނުލަފާ އަމަލާ ގުޅިގެން ދުނިޔޭގެ ބައެއް މަޝްހޫރު ފަންނާނުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މަޝްހޫރު އެކްޓަރު މާކް ރަފްއައްލޯ ބުނީ, ގާޒާގެ ރައްޔިތުންނަށް ގޮތް ހުސްވެއްޖެ ކަމަށާއި އޮތީ 'ސަހަރާގައި ނުވަތަ ގޭގައި ތިބެ މަރުވުން' ކަމަށެވެ. އޭނާ ބުނީ ގާޒާގައި ތިބި ކުދިބޮޑު އެންމެނަށް މިހާރުން މިހާރަށް އެހީވާން ޖެހޭ ކަމަށާއި އެމީހުން ވަޒަނުން ބޭރުކޮށްލައި ރެފިއުޖީ ކޭމްޕްތަކަށް ފޮނުވާލި ނަމަވެސް އެތަންތަންވެސް ވެސް އޮތީ އިންސާނަކު ދިރިއުޅެން އެކަށީގެންވާ ހާލަތެއްގައި ނޫންކަމަށެވެ.

ޑޮކްޓާސް ވިތްއައުޓް ބޯޑާސް އިން ބުނީ, އިޒްރޭލުން އެދަނީ ގާޒާގެ އުތުރު ގަބުރުސްތާނަކަށް ހެދި ގޮތަށް 1.5 މިލިއަން މީހުން މިވަގުތު ތިބި ރަފާ ގަބުރުސްތާނަކަށް ހެދުމާ ދިމާއަށް ކަމަށެވެ.

އިޒްރޭލުން ރަފާއަށް އަރައިގަތީ އިޒްރޭލާއި ރަފާ ގުޅޭ އިރުމަތީ ބިތުންނެވެ. އެއީ 100,000 އެއްހާ މީހުންގެ އާބާދީއެއް އޮތް ސަރަހައްދެކެވެ. ރަފާ އާއި މިސްރު ގުޅޭ ދޮރާށިވެސް ހުންނަނީ އެސަރަހައްދުގެ ތެރޭގައެވެ. އެތަން ހިފުމަށް ބޮން އަޅާ އެތައް ބަޔަކު ޝަހީދު ކުރަމުން އެއްގަމު މަގުން ޓޭންކް ތަކުގައި ވަދެ ދޮރާށި ހިސޯރުކޮށް މިހާރު އެތަނުގެ ކޮންޓްރޯލް އިޒްރޭލުން ވަނީ ނަގާފައެވެ.

އެ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން އެއްބަޔަކު ޖާނާއި ފުރާނަ ސަލާމަތް ކުރުމަށް ގެދޮރު ދޫކޮށް ވަނީ ނިކުމެފައެވެ. އެމީހުން މިސްރާބު ޖަހާފައި ވަނީ ހާން ޔޫނިސް އާއި އަލް މަވާސީ ރެފިއުޖީ ކޭމްޕްތަކަށެވެ. ހާން ޔޫނިސް އަކީ ރަފާ އާ ޖެހިގެން އެތެރެއަށް އޮންނަ ސަރަހައްދެވެ.