ރަނގަޅު ފަރުވާ ހޯދުމުގެ ހައްގު ތެލެސީމިއާ މީހުންނަށް ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައެވެ.

ހަލީލް ވިދާޅުވީ އެ ފަަދަ ކޮންމެ މީހަކަށްވެސް ހަމަހަމަކަމާއި ފަސޭހަކަމާއެކު ފަރުވާ ދިނުމަށް ބާރު އަޅާ ކަމަށާއި ތެލެސީމިއާއިން ރައްކާތެރިވެ، އެ ބަލި ކޮންޓްރޯލްކޮށް، އަދި އެފަދަ ކޮންމެ ފަރުދަކަށްވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދިނުމުގައި މި ސަރުކާރު ދެމި އޮންނާނާނެ ކަމަށެވެ.

ތެލެސީމިއާ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއެވެ.

ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި 5 ކުއްޖަކު ބޯން މެރޯ ޓްރާންސްލާންޓް ހެދުމަށް ފޮނުވިފައިވާއިރު ކޮންމެ އަހަރަކު ވެސް 10 ކުދިން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވިގެންދާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ހުޅުމާލެއިން 72،000 އަކަފޫޓުގެ ބިން ހަމަޖެހިފައިވާއިރު އެ ހޮސްޕިޓަލް އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މީގެ ކުރިން ހަލީލު ވަނީ ވިދާޅުވެފައެވެ. އަދި އެ ހޮސްޕިޓަލް އެޅުމަށްފަހު ރާއްޖެއިން ބޭރަށް ނުގޮސް އެތަނުން ބޯންމެރޯ ޓްރާންސްޕްލާންޓް ކުރެވޭނެ ކަމަށް ވެސް ހަލީލު ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ތެލެސީމިއާ ރާއްޖެއިން ނައްތާލުމަށް 10 އަހަރުގެ މާސްޓާ ޕްލޭންއެއް ތައްޔާރުކުރަމުންދާ ކަމަށާއި ރާއްޖެއިން ތެލެސީމިއާ ބަލި ނައްތާލުން ނުވަތަ މިހާރަށްވުރެ ބޮޑު ތަނުން ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި 10 އަހަރުގެ މާސްޓާ ޕްލޭންގެ ތެރެއިން އެކަމަށްޓަކައި ބައެއް ދިރާސާތައް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.