ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައުސިންއަށް އަމާޒުކޮށް އާ ލޯނު ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން މިއަދު ތައާރަފް ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނެއެވެ. އެގޮތުން އަލަށް ތައާރަފް ކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައި ވަނީ އެއްވެސް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމައަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭ ގޮތަށް ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭ އިރު، މިއީ ގެދޮރު މަރާމާތު ކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރި ހޯމް އިކުއިޓީ ލޯނަކީ ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރެވޭނެ ޕްރޮޑަކްތެއް ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެއް ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ، މިއީ މުޅި ރާއްޖޭގައި ތިބި ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިނޭންސިން ލިބޭނެ ގޮތް މަގުފަހިކޮށް ދިނުމަށް ތައާރަފް ކުރި ޕްރޮޑަކްޓްތަކެއް ކަމަށެވެ. އަލަށް ތައާރަފް ކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމަތުގެ މަސައްކަތް ކުރެވޭނެ ކަމަށް ނިމާލް ވިދާޅުވިއެވެ. މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް 10 ޕަސެންޓް ރޭޓުގައި ލޯނު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް އިކުއިޓީ ފައިނޭންސިން ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.