ރަފާ އަށް ކާބޯތަކެއްޗާއި ބޯފެނާއި އެހެނިހެން ސަޕްލައި ފޯރުކޮށްދޭ މިސްރާ ގުޅޭ ދޮރާށި އިޒްރޭލުން ހިފައިފިއެވެ. މީގެ ކުރިން މި ދޮރާށި ބަލަހައްޓަމުން ގެންދިޔައީ މިސްރުގެ ފަރާތުން ނަމަވެސް އެ މަގު ހުރަސް ކޮށް ގާޒާއަށް ވައްދާ އެއްޗެހި އިޒްރޭލުން ބަލައި ފާސްކުރެއެވެ.

އިއްޔެ ރަފާގެ އިރުމަތީ ބިތުގައި ތިބި 100،000 އެއްހާ މީހުން އެސަރަހައްދުން ފައިބަން އަމުރުކޮށް ހަމަލާ ދެމުން ގޮސް ރޭ އިޒްރޭލުން ވަނީ ރަފާ އާއި މިސްރު ގުޅޭ ބޯޑަރު އަތްދަށު ލައިފައެވެ. މިހާރު އެ ދޮރާއްޓަށް މިސްރުގެ ބާރެއް ވެސް ނުހިނގައެވެ. އެހެން ކަމުން ގާޒާގެ އުތުރަށް ކާބޯތަކެއްޗާއި ބޯފެނާއި ބޭހާއި ތެލާއި ގޭސް ބަންދުކޮށްލި ގޮތަށް ރަފާގައި ތިބި 1.4 މިލިއަން މީހުން ދިރި ތިބުމުގެ މަގު އިޒްރޭލުން މި ބަންދު ކުރީއެވެ.

މިކަން ކުށްވެރިކޮށް އެހީދޭ އދ ގެ ޖަމްއިއްޔާ އަންރުވާއިން ބުނެފައި ވަނީ، ގާޒާއަށް އެހީގެ ތަކެތި ފޯރުވައިދެވޭ ހަމައެކަނި އޮތް 2 މަގު ކަމަށް ވާ އަބޫ ސާލިމް އާއި ރަފާ ކްރޮސިން އިޒްރޭލުން ހިފުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ މަގަކީ ގާޒާގެ ރައްޔިތުންގެ 'ދިރިހުރުމުގެ ލޭ' ކަމަށެވެ. އަންރުވާ އިން އިޝާރާތް ކުރަނީ އިންސާނެއްގެ ހަށިގަނޑުން ލޭ ހުސްވެއްޖެ ނަމަ ދެން ވާނީ މަރުކަމަށް އިޝާރާތް ކުރުމުގެ ގޮތުންނެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމަލާތައް ފެށީއްސުރެ މި ދެ މަގުން ގާޒާއަށް އެހީގެ ތަކެތި ވެއްދޭ މިންވަރު އިޒްރޭލުން އޮތީ ކޮންޓްރޯލް ކޮށްފައެވެ. އަމުދުން ގާޒާގެ އުތުރަށް އެއްވެސް އެއްޗެއް ވެއްދިޔަ ނުދީ އާންމުން ބަނޑަށް މަރަމުން ގެންދިޔަ އިރު މިހާރުވެސް ގާޒާގައި ތިބި 2 މިލިއަންގެ އާބާދީ ދިރިއުޅެނީ ދުވާލަކު އެންމެ އިރަކު ކާލާނެ އެތިކޮޅުވެސް ހަމަ އަށް ނުލިބިއެވެ. ބޯނެ ފެންފޮދެއް ނުލިބޭ ހާލު ތުއްތު ކުދިންނާއި ކުޑަކުދިން ހެދި ބޮޑުވުމަށް ބޭނުންވާ ކާނާ އެއްގޮތަކަށް ވެސް ނުލިބެއެވެ.

އިދާރާތަކުން ބުނާގޮތުން މި ވީ މުއްދަތުގެ ތެރޭގައި ހައިހޫނުކަމުގައި ކާއެތިކޮޅެއް ނުލިބި 38 ކުޑަކުދިން ވަނީ ދުނިޔެ ދޫކޮށްފައެވެ. ގިނަ އަދަދެއްގެ ކުދިން އިތުރަށް މަރުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރު، އިޒްރޭލުން އެ އަޑެއް ނާހައެވެ.

އިޒްރޭލުން ރަފާއަށް އަރާނެ ކަމުގެ އިންޒާރާ އެކު އިރުމަތީ ބިތުގެ ސަރަހައްދުތަކަށް ބޮން އަޅަން ފަށާފައި ވާ އިރު އިއްޔެއާއި މިއަދު ޝަހީދުވި މީހުންގެ އަދަދު ވަނީ 100 އާ ގާތް ކޮށްފައެވެ. އެތައް ބަޔަކު ޒަހަމްވެ އެތައް އިމާރާތެއް ފުނޑުފުނޑު ވެފައި ވާ އިރު، ޖާނާއި ފުރާނަ ސަލާމަތް ކުރަން އެސަރަހައްދު ދޫކޮށް ދާ މީހުންގެ އަދަދުވެސް ވަނީ ގިނަ ވެފައެވެ. އިޒްރޭލުން އަންގާފައި ވަނީ އެންމެން ފައިބައިގެން ހާން ޔޫނިސް އަށް މަވާސީ އޭ ކިޔާ ރެފިއުޖީ ކޭމްޕްތަކަށް ދިޔުމަށެވެ. ގާޒާގެ ތެރޭގައި ރައްކާތެރި އެއްވެސް ތަނެއް ނެތްކަން ރައްޔިތުންނަށް އެނގޭ އިރުވެސް އިތުރު އެއްދުވަހު ނަމަވެސް ދުނިޔޭގައި ހުރުމުގެ އުއްމީދުގައި އެމީހުން ވަޒަން ދޫކޮށް ނިކުމެގެން ދަނީއެވެ.

އެމެރިކާގެ އެހީއާއެކު އިޒްރޭލުގެ އުދުވާން ފުޅާކޮށް ހަމަލާ ދެމުން ގެންދާ އިރު ރަފާ އޮޕަރޭޝަނަށް ތާއީދު ނުކުރާ ކަމަށް އެމެރިކާ ބުނި ނަމަވެސް އިޒްރޭލުން ދޮރާށިތައް ހިފުމުންވެސް އެމެރިކާ އަނގައަކުން ނުބުނެއެވެ. އޭގެ ބަދަލުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވަނީ ހަމާސްގެ ބޯހަރުކަމާ ހުރެ އިޒްރޭލަށް މަޖުބޫރުވަނީ ކަމަށެވެ.