ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗެކިން ކައުންޓަރު ސަރަހައްދުގައި މާރާމާރީ ހިންގި ބޭރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މާރާމާރީގެ ވީޑިޔޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ހިނގާފައި ގޮސް އެއާޕޯޓްގެ މުވައްޒަފެއްގެ ބޮލުގައި ޖަހާ ވައްޓާލައި މަންޒަރު ފެނެއެވެ. އެއާއެކު އެއާޕޯޓުގެ އެހެން މުވައްޒަފަކު ގޮސް ބޭރު މީހާގެ ގައިގައި ޖެހިގަންނަ މަންޒަރުފެނެއެވެ.
އެކަން އެހެން ހިނގުމާއެކު ބޭރު މީހާ ގޮސް އެމީހާވެސް ކޮއްޕާލައި ވައްޓާލައެވެ.
އެއާޕޯޓް މުވައްޒަފުން އޭނާ ހިފަހައްޓަން މަސައްކަތް ކުރަނިކޮށް އޭނާ އާ އެކު ހުރި ބޭރު އެހެން މީހަކު އޭނާ ދުރުކޮށްގެން ގެންދެއެވެ.
އެ ތަނުގައި ގިނަ އަދަދެއްގެ އެއާޕޯޓް މުވައްޒަފުން ތިބިތަން އެ ވީޑިއޯއިން ފެނެއެވެ.
ފުރުން ލަސްވެ، މީގެ ކުރިންވެސް މި ފަދަ ކަންކަން އެއާޕޯޓްގެ ތެރޭގައި ހިނގާފައި ވާ އިރު މިއަދުގެ ހާދިސާ އާ ގުޅިގެން ބޭރު މީހާ ވަނީ ހައްޔަރު ކޮށްގެން ގެންގޮސްފައެވެ.