މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓުތައް ހަވާލުކުރުމަށް އެންގުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފްލެޓުތަކާ ގުޅިގެން އާންމުންގެ މީހަކު ހުށަހެޅި މައްސަލައެއް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ ރިޕޯޓުގައި ވަނީ ގެދޮރުވެރިޔާގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓުތައް ހަވާލުކުރުން ލަސްވެފައިވާ ކަމާއި އެހެންވެ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ކަންބޮޑުވުން ހުރިކަން ފާހަގަކޮށްފައެވެ. އެ ރިޕޯޓުގައި ކޮމިޓީން ވަނީ ލަސްނުކޮށް ފްލެޓުތައް، ފްލެޓު ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް، ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ހަވާލުކުރުމަށް ލަފާދީފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ގިނަ މައްސަލަތައް ފާހަގަވެ މި ސަރުކާރުން އޭސީސީ އަށް މައްސަލަ ހުށަހެޅުމުން، އެ ކޮމިޝަނުން މައްސަލަ ތަހްގީގުކޮށް އާންމުކުރި މައުލޫމާތުގައިވާ ގޮތުން:
- އެ ކޮމިޝަނުން 4048 ފޯމް ބަލާފައިވޭ
- ހުރިހާ ޝަރުތެއް ފުރިހަމަވަނީ 20.7 ޕަސެންޓް ފޯމުގެ
- 59.6 ޕަސެންޓް ފޯމުގެ ޝަރުތު ފުރިހަމަނުވޭ
- 19.7 ޕަސެންޓް ފޯމުގައި ޝަރުތުތައް ހަމަވި ނަމަވެސް މައްސަލަ ހުރި
މިދިޔަ އޭޕްރިލް މަހު ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އޭރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ފްލެޓް ލިސްޓު އާންމުކުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، މި ސަރުކާރުން ފްލެޓުތައް ހަވާލުކުރާނީ ލިސްޓު މުރާޖައާކުރުމަށް ފަހު ކަމަށެވެ.
ހައިދަރު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖައާކޮށް ނިމޭއިރު ޝަރުތުހަމަނުވާ ކަމަށް ފާހަގަވާ މީހުން ތިބި ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ ފްލެޓު ލިބުނު އެއްވެސް މީހަކު ބާކީނުކޮށް އެންމެނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށާއި، އެހެންކަމުން ގެދޮރުވެރިޔާ ސްކީމްގެ ޝަރުތުހަމަނުވާ މީހުންނަށް އެހެން މަޝްރޫއުތަކުން ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.