ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޕްރީ-އެޕްރޫވްޑް އޮން އެރައިވަލް ވިސާ، ނުވަތަ އިލެކްޓްރޯނިކް ހުއްދަ ދިނުމުގެ ހިދުމަތް ތައާރަފް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ މިވަގުތު ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދޫކުރަނީ 'އޮން އެރައިވަލް ވިސާ' އެކަނި ކަމަށާއި، ފަތުރުވެރިން ރާއްޖެއަށް އައުމަށް ފަހު އޮން އެރައިވަލް ވިސާ ހޯދުމަށް ގިނަ ވަގުތުތައް ހޭދަކުރަން ޖެހޭ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލައަށް ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެއްވެސް ހައްލެއް ނުހޯދާ ކަމަށެވެ.
ހަމަ އެހެންމެ ރާއްޖެ އަށް 'އޮން އެރައިވަލް ވިސާ'ގައި އެތެރެވުމަށް އަންނަ ބައެއް ފަތުރުވެރިންނަށް އެކި ސަބަބުތަކާ ހުރެ ވިސާ ނުލިބި އަނބުރާ ދާން ޖެހޭތީ އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާކަން ފާހަގަކުރެވޭކަމަށް އެ ގަރާރުގައިވެއެވެ.
ހައިތަމް ހުށަހެޅުއްވި ގަރާރުގައި އިމިގްރޭޝަނާ ހަވާލާދެއްވައި އާންމުކުރެއްވި ބައެއް ތަފާސްހިސާބުތަކުގައިވާ ގޮތުން:
- ރާއްޖެ އެތެރެވުމަށް ވިސާ ބޭނުންވާ 9.58 މިލިއަން މީހުން ވޭތުވެދިޔަ ފަސް އަހަރު ޒިޔާރަތްކުރި
- ވޭތުވެދިޔަ ފަސް އަހަރު 9940 މީހަކަށް ވިސާ ނުލިބި އަނބުރާ ފޮނުވާލެވިފައިވޭ
އެހެންވެ ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ވިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކޮންމެހެން މުހިންމު ކަމަށާއި، އެހެންކަމުން އެކަންކަން ހައްލުކުރުމަށްޓަކައި ޕްރީ-އެޕްރޫވްޑް އޮން އެރައިވަލް ވިސާ، ނުވަތަ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަންގެ ހިދުމަތް ތައާރަފްކޮށް އެ ހިދުމަތް ފުޅާކުރުމަށް ގޮވާލާ ކަމަށް، ހައިތަމްގެ ގަރާރުގައިވެއެވެ.