އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ ހަދަމުން ދަނިކޮށް ހައްޔަރުކުރި މުހައްމަދު ނަބީލް 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ.
ޓިކްޓޮކްގައި ބަރަހަނާވެ ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި މީގެ ކުރިން ހަތަރު ފަހަރު މަތިން ހައްޔަރުކުރި ނަބީލް 39، އަލުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ، އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޕޯސްޓްކުރަމުން ދިޔަ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ހަމަ މި މައްސަލައިގައި ފުލުހުން މިއަދު މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މި މައްސަލައާ ގުޅިގެން ނަބީލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
މީގެ ކުރިން ޓިކްޓޮކްގައި ބަރަހަނާވި މައްސަލައިގައި ސެޕްޓެމްބަރު 2022 ގައި ނަބީލް ހައްޔަރުކޮށް އެއް އަހަރަށް ޖަލަށް ލާން ވެސް ހުކުމްކުރިއެވެ. ދައުލަތުން އޭރު އޭނާގެ މައްޗަށް އުފުލީ އޮރިޔާން ކާޑު ހެދުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އަދި އެ ދައުވާތަކަށް ނަބީލް އިންކާރުކުރި ނަމަވެސް، އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާކަމަށް، ކްރިމިނަލް ކޯޓުން އޭރު ކަނޑައެޅިއެވެ.
މީގެ ކުރިން 'ޔާޔާ ނަބީލް'ގެ ނަމުގައި ވީޑިއޯ ހެދި ނަބީލް ހައްޔަރުކުރުމާ ހަމައަށް ޓިކްޓޮކްގައި ވީޑިއޯ ހަދަމުން ދަނީ 'ލޫސީ'ގެ ނަމުގައެވެ