ރޯދަމަހު ގޭބީސީތަކުން ބޭނުންކުރި ކަރަންޓުން ޑިސްކައުންޓު ހިމަނާ މިރޭގެ ނިޔަލަށް ބިލްތައް ފޮނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރޯދަމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށްފަހު މިރޭގެ ނިޔަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރޯދަ މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި ރައީސް ޑރ. މުއިއްޒު ނިންމެވީ ބިލަށް އެހެން މަސް މަހަށްވުރެ އިތުރުވާ އެވްރެޖު އަދަދަށް ޑިސްކައުންޓު ދިނުމަށެވެ. މިއާއެކު ރޯދަ މަހު ކުރާ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރޯދަ މަހު ފޮނުވާ ބިލަށް ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓް ދިނުމަށް މީގެ ކުރިން ވަނީ ނިންމާފައެވެ.

ރޯދަމުހުގެ ޑިމާންޑް ކާވްއަށް ބަލާއިރު ރޯދަ މަހު ޕީކްއާ އެހެން މަސްތަކުގެ ޕީކްއާ ތަފާތުކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ އެހެން މަސްތަކުގައި ޕީކް އުޅެނީ 12 އިން ފެށިގެން 2 އަކަށް އަދި ރޭގަނޑުގެ ވަގުތުގައި ކަމަށެވެ. ނަމަވެސް ރޯދަ މަހު ޕީކް އުޅެނީ ހަވީރު 4 އަކުން 6 އަކާއި ދޭތެރޭގައި ކަމަށެވެ.

ޖުމްލަކޮށް ބަލާއިރު ގިނަ ކޮންސިއުމަރުންނަށް ބިލް ކުރެވިފައި ހުރީ ރަނގަޅަށް ނަމަވެސް މާލޭގެ 48،000 ކޮންސިއުމަރުންނަށް ރޯދަ މަސް ފެށުނު ދުވަހާއި ނިމުނު ދުވަހު ރީޑިން ނަގާ ހަމައެކަނި ރޯދަމަހަށް ބިލު ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފަހުމީ ފާހަގަ ކުރެއްވިއެވެ. ފަހުމީ ވިދާޅުވީ ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ފެނާއި ކަރަންޓުން ދީފައިވާނެ ކަމަށެވެ.